Ad

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އިތުރު 2 މީހަކު ދޫކޮށްލައިފި

ފުލުހުން މިމަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ދޫކޮށްލައިފިއެވެ.

އެންމެ ފަހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ މި މައްސަލައިގައި ހައްޔަރުކުރި ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހިމް ޒައިދު ހަބީބްއާއި، ހދ. މަކުނުދޫ ޑިއާފްރެންޑް އިބްރާހިމް ޝިނާނެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލާގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައެވެ. އެ ދުވަހު ކޯޓުން ދޫކޮށްލީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ. މި މައްސަލައިގައި މިހާރު ބަންދުގައި ތިބީ، ނ. ވެލިދޫ ބީޗްހެވަން ޖުމާން މުސްތަފާ، ލ. ކަލައިދޫ ޖަނަވަރީމާގެ މުޙައްމަދު އަހުމަދާއި، ދ. ބަނޑިދޫ ޕޮލަރިސް މުޙައްމަދު ހުސައިންގެ އިތުރުން، ބަންގްލަދޭޝްގެ 2 މީހުން ވެސް ހިމެނެއެވެ.

100 ކިލޯގެ މަސްތުވާތަކެތީގެ ތުހުމަތުގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރިއެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފައެވެ. މި ދެމީހުންގެ މައުލޫމާތު ހާމަކޮށަފައެއް ނުވެއެވެ. އެކަމަކު ފުލުހުން ބުނާ ގޮތުން ކޯޓުން އެ ދުވަހު ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުންނެވެ. މި ދެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *