Ad

ނަސްރުގެ ދުވަސް: ޝަހީދު ހުސެއިން އާދަމް ޝަހީދުވީ 20 މިނެޓް ވަންދެން ބާޤީންނާ ހަނގުރާމަ ކުރެއްވުމަށްފަހު!

3 ނޮވެންބަރު 1988 ދިވެހި ޤައުމަށް ދިން އުދުވާނީ ހަމަލާގައި އެންމެ ފާހަގަކޮށްލެވޭ ބަތަލަކީ ޝަހީދު ހުސެއިން އާދަމެވެ. ޓެރަރިސްޓުން މާލެއަރައި ސިފައިންގެއަށް ހަމަލާދޭން ފެށުމުން ދިފާއުގައި އެންމެ ފުރަތަމަ ހަމަލާދިނީ އެވަގުތު ސިފައިންގޭ ދޮރާށީގައި ޑިއުޓީއަށް ހުރި ހުސެއިން އާދަމެވެ. ހުސައިން އާދަމްގެ ހަމަލާތަކުން ދުޝްމަނުން ސިފައިންގެެއަށް ވަނަނުދީ ހިފެހެއްޓިއެވެ. އަދި އެތެރޭގައި ތިބި ސިފައިންނަށް ހަމަލާއަށް ތައްޔާރުވާން ފުރުޞަތު ފަހިވީ ހުސެއިން އާދަމްގެ ހިއްވަރުންނެވެ. ހުސެއިން އާދަމްގެ ހަމަލާތަކަކީ ދުޝްމަނުންނަށް އެންމެ ބޮޑަށް ސިހުން ގެނުވި ހަމަލާތަކެވެ. ދުޝްމަނުންނާ ހަމަލާ ބަދަލުކުރާތާ 20 މިނެޓް ފަހުން ހުސެއިން އާދަމް ޝަހީދުވެގެން ވެއްޓުނީ ހުސެއިން އާދަމް އަތުން ވަޒަން ހުސްވެގެންނެވެ.
0330: ދުޝްމަނުންގެ ފުރަތަމަ ބޯޓު ޓީ52 ގާދޫކޮލުން ވަން
0400: ދުޝްމަނުންގެ އިސް މީހުންކަމަށްވާ ޢަބްދުﷲ ލުތުފީއާއި ތަމަޅަ ހަނގުރާމަވެރިންގެ ކޮމާންޑަރު ވަސަންތީ އައި ޓީ 52 ބޯޓު މާލޭ ފަޅަށް ވަން.
0415: ޖުމްހޫރީ މައިދާނާ ދިމާއިން ދުޝްމިނުން މާލެއަށް ފައިބަމުން ދަނިކޮށް ގަސްތަކާ ނުލައި އެ މީހުންގެ އަތުން ވަޒަނެއް ގޮވި.
0420: ދުޝްމަނުން ސިފައިންގެއަށް ހަމަލާދޭން ފެށި. ރައްދުގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ވަގުތުން ހަމަލާދިން. ޝަހީދު ޙުސައިން އާދަމް ހުރީ ސިފައިންގެ މައިގޭޓުން ބޭރުގައި ޑިއުޓީގައި.
0420: ރައީސް އޮފީހުގެ ޑިއުޓީގައި، މެރިން ޑްރައިވްގައި ހުރި ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހޭރަށް ހަމާދިން. ޝަހީދުވީ ރައީސް އޮފީހުގެ އެތެރެއަށް ވެއްދިފަހުން.
0430: ދުޝްމަނުން އައި ދެވަނަ ބޯޓު ސައުތު ވެސްޓް 37 ކޮމާޝަލް ހާބަރަށް ވަން. ސަގަރު އަޙްމަދު ނާޞިރު އައީ އެ ބޯޓުން.
0436: ފަތިސް ނަމާދު ބަންގި އިސްލާމީ މަރުކަޒުން ގޮވަންފެށި.
0440: ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވި.
0440: ސިފައިންގެ ހުޅަނގު ދެކުނު ކަން ޑައިނަމައިޓް އަޅައި ދުޝްމަނުން ގޮއްވާލި.
1100: ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމަށް މީހުން ނެގި. ފުރަތަމަ ނިކުންނަން އުޅުނީ ދެ ބަހެއްގައި ސިފައިންގެ މައިގޭޓުން. އެ ގޭޓު ތާށިވެގެން ނުހުޅުވުނު. ފަހުން ފައިމަގުގައި ނިކުތީ ފުލުސް އޮފީސް ގޭޓުން. 11 ބޭކަލުން ނެގުނު. ބޭރަށް މަގުމައްޗަށް ނުކުތީ 9. އޭގެތެރެއިން 3 ބޭކަލުން ޝަހީދުވި.
2030: ދުޝްމިނުންގެ ހަމަލާތައް ހުއްޓާލި.
2130: ކޮމާންޑެއް ނުދެނީސް ސިފައިން ބަޑިނުޖެހުމަށް ސިފައިންނަށް ސިފައިންގެ އެތެރޭގައި ހުންނެވި ކޮމާންޑަރ މޭޖަރ މުޙައްމަދު ޒާހިރު އެންގެވި.
2130: އިންޑިއާ ސިފައިން ރާއްޖެއައި ފުރަތަމަ އަސްކަރީ މަތިންދާ ބޯޓު ހުޅުލޭ ވައިގެ ބަނދަރުގައި ޖެއްސި.
2320: ދުޝްމަނުން ރަހީނުކުރި މީހުންނާއެކު މާލޭ ބަދަރުން ޕްރޮގްރެސްލައިޓް ސްރީލަންކާއަށް ދިއުމަށް ނައްޓާލި. އެ ބޯޓުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮނަރަބަލް އަޙްމަދު މުޖުތަބާގެ ދެ ކަނބަލުން ގެންދިޔަ.
ނޮވެންބަރު 4، 1988
0745: ދިވެހީން ނަޞްރު ލިބިއްޖެކަން ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިޢުލާން ކުރެއްވި.
ނޮވެންބަރު 6، 1988
0855: ޕްރޮގްރެސްލައިޓުގައި ފިލައިގެންދާން މަސައްކަތްކުރި ދުޝްމަނުން އަމާންދިން.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ދިވެހީންގެ ތެރެއިން 19 މީހުން ޝަހީދުވި. އޭގެތެރެއިން 8 މީހުންނަކީ ދިވެހި ސިފައިން. ހަމަލާގައި ވަޒަން އަރައިގެން ދިވެހީންގެ 39 މީހުން އެކިވަރަށް ޒަޚަމުވި. ދުޝްމަނުންނާ ދެކޮޅަށް ސިފައިން ދިން ރައްދު ހަމަލާގައި ދުޝްމަނުންގެ ތިން މީހުން މަރާލި. އޭގެތެރޭގައި ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާޢަތުން މި ޢުދުވާނީ ހަމަލާއަށް ކަނޑައަޅާފައިހުރި ކޮމާންޑަރު ވަސަންތީ ހިމެނޭ.
ރިފަރެންސް: ސިފައިންގެ ތާރީޚު- 2. ނޮވެމްބަރު ތިނެއް (2012). ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *