Ad

ފްލެޓް ލިބުނު ކޮންމެ އާއިލާއަކަށް އެއްލައްކަ ރުފިޔާ ބަޖެޓްގައި ހިމަނަން ރެޑްވޭވް ސަލީމް ގޮވާލައިފި

ހިޔާ ފްލެޓް ލިބުނު ކޮންމެ މީހަކަށް ފިނިޝިން މަސައްކަތާއި، ކުރިން ކަނޑައެޅި ކުލި ކަނޑައެޅުމަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ހިމެނުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ގޮވާލައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓަށް އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީވެސް ސަލީމެވެ. ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ އަކީ، ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކޮށްގެންވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ހިޔާ ފްލެޓް ލިބުނު ކޮންމެ އާއިލާއަކަށް އެއްލައްކަ ރުފިޔާ ދައުލަތުގެ ބަޖެޓުން ދިނުމަށްވެސް ސަލީމް ވަނީ ގޮވާލައްވާފައެވެ. އަދި ހިޔާ ފްލެޓްތަކުގެ ފިނިޝިން ނުނިންމާ ފްލެޓް ހަވާލުކުރީ ސަރުކާރުގެ ރައްޔިތުންނަށް ޖެއްސުންކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

"އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށްވެސް މިދައުލަތުގެ ބަޖެޓަށް ކޮންމެ ފެމިލީއަކަށް 1 ލައްކަ ރުފިޔާ މިބަޖެޓްގައި ހިމަނަން. މި ބަޖެޓްގައި އެބަހުރި ބޮޑެތި ޢަދަދުތަކުން ފައިސާ ހިމަނާފަ އެކި ދިމަދިމާގަ. އޭގެތެރެއިން ފައިސާ ގެނެވިދާނެ. މިހާރުގަ މިމީހުން އުޅެންޖެހޭނީ ކިތައް އަހަރުކަމެއް އަހަރެމެންނަކަށް ނޭނގެ. އެއީ އެކި މީހުންނަށް މި ހެދެނީ. އަދި 100 ވަރަކަށް އާއިލާ އެތަނަށް ވަންކަމެއް ނޭނގޭ." ސަލީމް ވިދާޅުވިއެވެ.

ބަހުސްގައި ސަލީމް ވަނީ ދައުލަތުގެ ބަޖެޓުގެ ދަރަނި ބޮޑުކަމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ސަލީމް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ކޮންމެ އަހަރަކުވެސް ފެނިގެންދަނީ ދައުލަތް އެތައް ބިލިޔަނަކުން ދަރަނިވެރި ވަމުންދާތަން ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައިވެސް 10 ބިލިޔަން ރުފިޔާއިން ދަރަނިވަނެކަމަށް އަންދާޒާ ކުރި ނަމަވެސް 14 ބިލިއަނުން ދަރަނިވާނެކަމަށް ލަފާ ކުރެވޭކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ސަރުކާރުން އަމަލު ކުރާގޮތަށް ކަންކަން ގޮސްފިނަމަ ކުރިއަށް އޮތް ރޯދަމަސް އަންނަ އިރު ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވެދާނެކަމަށެވެ. އަދި ދަރަނި ކުޑަކުރުމުގެ ގޮތުން މި ބަޖެޓް 25 ބިލިޔަނަށް ކުޑަކުރުމަށްވެސް ސަލީމް ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *