Ad

ސިވިލް ސަރވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް: ރައީސުލްޖުމްހޫރިއްޔާ

ސިވިލް ސަރވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމާއި، ދުލާއި ޤަލަމުގެ މިނިވަންކަން، ރާއްޖޭގައި މިއަދު އެބައޮތްކަމަށާއި އަދި ކުރިއަށް އޮތްތާންގައިވެސް އެކަން އެގޮތަށް ދެމިއޮންނާނެކަމަށެވެ.

"ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވަންޓެއް، ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދެން. ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން، ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކިކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ. ސިވިލް ސަރވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން. ސިވިލް ސާރވަންޓުން ދެއްވާ ޚިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ، ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް، އޭގެގޮތުގައި ތަންފީޛު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ޤައުމީ ޚިދުމަތުގެ ފައުޖު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އެއްވެސް އިންޒާރަކާ ނުލާ ވަޒީފާއިން ވަކިކުރެވޭގޮތަށް ނިންމާފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *