Ad

ނަފުރަތާ، ބަދަލުހިފުމާއި، ގޮތްދޫނުކުރުމާއި އަދި ހަރުކަށިކަމަކީ ވަރަށް ކުރީގެ ބޯދާ ވިސްނުމެއް: އެމްޓީޑީ

ބާރެއް ލިބުމަކީ އެބާރު އެންމެންގެ މައްޗަށް އަބަދު ހިންގާ އިދިކޮޅު އެންމެން ޖަލައްލާންޖެހޭ ކަމެއްނޫން

ނަފުރަތާ، ބަދަލުހިފުމާއި، ގޮތްދޫނުކުރުމާއި އަދި ހަރުކަށިކަމަކީ ވަރަށް ކުރީގެ ބޯދާ ވިސްނުމެއް ކަމަށް އެމްޓީޑީން ބުނެފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްޓީޑީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެކްސިން ނުލިބި، ކާބޯތަކެތި ނުލިބި މުޅި އިގްތިސާދު ހުއްޓި އެންމެން މާޔޫސް ކަމުގައި ތިބީ އަތް އުރާލައިގެން ކަމަށެވެ. އަދި މިނާޒުކު ހާލަތުގައިވެސް ދިވެހިރާއްޖެ 2020 ވަނަ އަހަރުގެ މެދުތެރޭ ކެރިގެން ހުޅުވާލައި ޓުއަރިޒަމް އާއި އިގްތިސާދީ ހަރަކާތްތައް ހިންގި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ މިހާއަވަހަށް ރާއްޖޭގެ ހާލަތު ރަނގަޅުވި ސަބަބު ކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަހެރިވެފައި އޮތް ދިވެހިރާއްޖެ މުޅި ދުނިޔެ އާއި ގުޅުން ބަދަހިކޮށް މުޅި ގައުމަށް ބޭނުންވާ ވެކްސިން ހޯދާ ހުރިހާ ރައްޔިތުންނަށް ހިލޭ ޖަހައިދިން އިރު އިންސާނިއްޔަތުކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންވެސް އިސާތިސްނާނުކޮށް ވެކްސިން އެމީހުނަށްވެސް ހިލޭ ޖަހައިދީ މުޅި އިގްތިސާދު ހަމަޔަކަށް އެޅުވުމަކީ ފާހަގަ ކުރަން ޖެހޭކަމެކެވެ.

"ހަގީގަތަކީ 2012 އިން 2019 އާއި ހިސާބަށް ދުނިޔޭގެ އިގްތިސާދުގައި އޮތް ހަމަޖެހުމާއި މިދިޔަ ދެއަހަރުގެ ދުނިޔެ އަށް ދިމާވި ސިއްހީ
ނުރައްކަލާއި އިގްތިސާދީ ހަލަބޮލިކަމާ ނާޒުކުކަން އަޅައެއް ނުކިޔޭނެއެވެ. ފުރިހަމަ އަށް ދުވާ ފްލައިޓެއް އެތައް ބައެއްގެ މަސައްކަތުން ގޭގައި ތާސްކުޅުން އިންދާ ރައީސް ޔާމީނަށް ލިބުމުން އޮޓޯ ޕައިލެޓްގައި ދުއްވުމާއި ދެއިންޖީނު ފެއިލްވުމުންވެސް ސާބިތުކަމާއި އެކީ ކެޕްޓަން ރައީސް ސޯލިހު ހާސާނުވެ ހަމަޖެހިލައިގެން ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން އެންމެން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަކީ އަޅާކިޔޭނެ ދެ ކަމެއް ނޫނެވެ. އެހެންކަމުން މިފަދަ ބޮޑު ކާރިސާ އެއް މެނޭޖް ކުރައްވަމުން ، އަތޮޅުތެރޭގައި މީގެން ޒަމާނެއްގައި ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިންގާ ވަރަށް ހިންގާ، އެއްވެސް އަސާސީ ކަމަކަށް ބުރޫ އެރިޔަ ނުދީ ދައުލަތުގެ ވަޒީފާތަކުން ރައްޔިތުން ވަކި ނުކޮށް، އާބޮޑު ބްރިޖެއްވެސް އަޅަމުން ހިތްވަރާ އެކީ ކުރިއަށް ވަޑައިގަތުމަކީ ރައީސް ސޯލިހުގެ ލީޑަރޝިޕް އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްތަކާ އިންސާނީ ހައްގުތަކަށް އިސްކަން ދިނުމާއި ޖުޑީޝަލް އަދި ލީގަލް ރިފޯރމް މަޑުޖެހުމެއް ނެތި އެދުނީ ގެނެސްދެއްވަމުންނެވެ." އެމްޑީޓީގެ ބަޔާނުގައި ވެއެވެ.

އެމްޓީޑީގެ ބަޔާނުގައި ވަނީ ކުރީގެ ސަރުކާރާ މިހާރުގެ ސަރުކާރުގެ ތަފާތު ބަނާންކޮށްދީފައެވެ.

"ބާރެއް ލިބުމަކީ އެބާރު އެންމެންގެ މައްޗަށް އަބަދު ހިންގާ އިދިކޮޅު އެންމެން ޖަލައްލާންޖެހޭ ކަމެއްނޫނެވެ. މިދިޔަ ސަރުކާރު ވެރި ކަމުގައި
އޮތްނަމަ ފާއިތުވާވީ 3 އަހަރުގައި އެތައް ބައެއް ދައުލަތުގެ ވަޒީފާ ތަކުން ކަނޑާލީހެވެ. އެހެނީ އޭރުވެސް ހަނޑޫ ހަކުރު ފުށުން ސަބްސިޑީ ކަނޑާލިއެވެ. އަދި ވެކްސިން ހޯދުންވެސް މިދިޔަ ސަރުކާރު އޮތްނަމަ ބޮޑު ގޮންޖެހުމަކަށްވީހެވެ. އެހެނީ މުޅި ދުނިޔެއާއި އޮތީ ގުޅުން ކެނޑިފައެވެ. ސިޔާސީ މީހުން އަދި ނޫސްވެރިން ޖަލުގައި ތިބޭނެ އަދަދުވެސް ނޭންގެއެވެ. އަދި ދުނިޔޭގެ ހުރިހާ ތާކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ގައުމުގެ އެތައް ރައްޔިތުންނެއް ހާލުގައި ޖެހުނަސް، ގޮތް ދޫނުކުރުމުގެ ސަބަބުން އޮންނާނީ މުޅި ގައުމު ފުނޑު ފުނޑު ވެފައެވެ." ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރައީސްކަން ކުރައްވާ އެމްޓީޑީގެ ބަޔާނުގައިވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ނެރުނު މިބަޔާން ނިންމާލާފައިވަނީ ރައީސް ސޯލިހަށާއި ކޯލިޝަންގެ ވެރިންނަށް ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހާބާ ދަންނަވަމުންނެވެ.

"މިއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެވެ. މިއަދު އަޅުގަނޑުމެން ވިސްނާން ޖެހޭނީ އަންނަން އޮތް މާދަމާ އަށެވެ، އަޅުގަނޑުމެންގެ
ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރަންޖެހޭނީ އެންމެން އެކީގައެވެ. ނަފުރަތާ، ބަދަލުހިފުމާއި، ގޮތްދޫނުކުރުމާއި އަދި ހަރުކަށިކަމަކީ ވަރަށް ކުރީގެ ބޯދާ ވިސްނުމެކެވެ. މިފަދަ އެއްވެސް ސިފައެއް މިތިން އަހަރު ރައީސް ސޯލިހު ކިބައިން ނުފެނުމަކީ ވައުދުވި ހެޔޮވެރިކަން ރައްޔިތުންނަށް ކޮށްދެއްވަމުންދާކަމުގެ ފުރިހަމަމިސާލެކެވެ. ރައީސް ސޯލިހަށާއި ކޯލިޝަންގެ ވެރިންނަށް، އަދުގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހާބާ ދަންނަވަމެވެ." އެމްޓީޑީގެ ބަޔާނުގައި ވެއެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *