މަޖީދީމަގުގައި ހުންނަ މަޝްހޫރު "ކްރާސާ" ފިހާރައަށް މީހަކު ވަދެ ވައްކަން ކުރަނިކޮށް އަތުލައިގަނެފިއެވެ.
އިރުވަރު ނޫހަށް މައުލޫމާތު ދެމުން ކްރާސާ ފިހާރައިގައިި މަސައްކަތްކުރާ މުވައްޒަފަކު ބުނީ އެ ފިހާރައަށް ވައްކަންކުރަން އެމީހާ ވަނީ މެންދުރު ނަމާދަށް ފިހާރަ ބަންދުކޮށްފައި ހުރިހާ މުވައްޒަފުން ގެޔަށް ދިޔަ ފަހުން ކަމަށެވެ.
"ބަންގިގޮވީމަ ފިހާރަ ބަންދުކޮށްފައި ތަޅުލާފައި އެންމެން ދިޔައީ. އެވަގުތު ފިހާރައިގައި މަސައްކަތްކުރާ ކުއްޖެއްގެ ފިރިމީހާއަށް އެމަގުން ދަނިކޮށް ފިހާރައިގައި މީހަކު އުޅޭނީ މަޑުކުރީ. އެވަގުތަކީ ބަންދު ވަގުތަކަށްވާތީ ވަގެއް ކަމަށް ޝައްކުވެގެން އޭނަގެ ވައިފްއަށް ގުޅާފަ އެވާހަކަ ބުނެފަ ފިހާރައަށް ވަދެ އޭނާ ހިފެހެއްޓީ، އޭރު ވަތްގަނޑުގައި ހުރި ލާރިތައް ނަގާ ޖީބަށް ލައިފި. ދެން އޭނާ މަގުމައްޗަށް ނެރެގެން ފިލިޔަ ނުދީ ފުލުހުން އަންނަން ދެން ހިފަހައްޓައިގެން ހުރީ. ވަގު ކަލޭގެ ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާ ހިފެހެއްޓި މީހާގެ ނިއްކުރީގައި ދަތްވެސް އެޅި. އަދިވެސް އިތުރު އަނިޔާވި. އޭނައަށް އެގަޑީގައި އާދެވުނުކަން އެއީ ނަސީބު. އެހެން ނޫންނަމަ ނޭންގެ ގެންދާނެ އެއްޗެއްވެސް." އެފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.
ވަގުކަލޭގެ ހިފެހެއްޓުމުން އޭނާ ވަނީ އޭނާ ނެގި ފައިސާތައް މަގުމައްޗަށް އުކާލާފައެވެ. އޭނާ ފިހާއަށް ވަނީ ތަޅުދަނޑިއެއް ބޭނުންކޮށްގެން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ކޮންކަހަލަ ތަޅުދަނޑިއެއް ކަމެއް ސާފެއް ނުވެއެވެ.
މިއަދު މެންދުރު ނަމާދު ވަގުތު ސްޓޭޑިއަމް ތިރީގައި ހުންނަ KRASA ފިހާރަ ވަތްގަނޑުގައި ހުރި ހުރިހާ ފައިސާކޮޅެއް ހިފައިގެން ދުއްވައިގަތް ޒުވާނެއް މަގުމަތިން ބަޔަކު މީހުން ހުއްޓުވާ @PoliceMv އާއި ހަވާލުކޮށްފި.
ފިހާރަ އަށް ވައިން ގޮތެއް ނިކުތް ގޮތެއް ނޭގެނީ.
ވަގުންގެ އުދަނގޫ ވ ބޮޑު pic.twitter.com/SnlqIdz9ud
— AD'DEY (@Addey_33) November 17, 2021
ކްރާސާ ފިހާރަކީ ގަލޮޅުދަނޑުގެ ފިހާރަ ބަރީގައި ހުންނަ ކޮސްމެޓިކްސް ފަދަ ބާވަތްތައް ވިއްކާ މަޝްހޫރު ފިހާރައެވެ.
މިދުވަސްވަރު ވައްކަަމާ ފޭރުމާއި މީހުން ރަހީނުކުރުން ވަނީ އާންމުވެފައެވެ.