Ad

އިރުވަރު އަހަރީ މަސްރޭހުން އެއްވަނަ "އަންތިޔާސް" ޓީމް ހޯދައިފި

"އިރުވަރު އަހަރީ މަސްރޭސް 2021″ ގެ ޗެމްޕިއަންކަން އިބްރާހިމް ޝަރީފްގެ ކެޔޮޅުކަމުގައި ވާދަކުރި "އަންތިޔާސް" ޓީމުން ހޯދައިފިއެވެ.

މި މަސްރޭސް ބާއްވާފައިވަނީ ތ. ވަންދޫގައެވެ. މުބާރާތުގައި ޖުމްލަ 5 ޓީމު ވާދަކުރިއެވެ. މުބާރާތް ނިމުމާއެކު ވަނަވަނައަށް ދިޔަ މަސްވެރިންނަށާއި ޓީމުތަކަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ.

މުބާރާތުގައި ބޭނި އެންމެ ބޮޑު މަސް ބާނާފައިވަނީ އަންތިޔާސްގެ ޒުވާން ކެޔޮޅު ސައުދުއެވެ. ސައުދަކީ މިފަދަ މުބާރާތްތަކުން އާންމުކޮށް ވަނަތައް ހޯދާ ކާމިޔާބު ކެޔޮޅެކެވެ.

މުބާރާތުގައި އެންމެ ދިގު މަސް ބާނައިގެން އިނާމު ހާސިލްކުރީ އައްޑާ ޓީމުގެ ކެޔޮޅު މުޙައްމަދު ޝަފީގުއެވެ.

މިބާރާތުގައި ވަނީ އެންމެ "އާދަޔާ ޚިލާފު މަސްވެރިޔާ"ގެ މަޤާމްވެސް ހޮވާފައެވެ. މި މުބާރާތުގައި ވާދަކުރި އެންމެ އާދަޔާ ޚިލާފު މަސްވެރިޔަކަށް ހޮވުނީ އަރާމަރި ޓީމުގެ މުޙައްމަދު ޔަނާލް (ޔަންނު) އެވެ. މި މުބާރާތުގައި ޔަނާލް ފެނިފައިވަނީ ކާބައިންގެ ޒަމާނުގައި މަސްވެރިން ފެނުނު ފަދަ ސަޤާފީ ހެދުމެއްގައެވެ.

މުބާރާތުގެ އެއްވަނަ ޓީމަކަށް އަންތިޔާސް ހޮވުނުއިރު ދެވަނަ ޓީމަކަށް ހޮވުނީ އައްޑާއެވެ. އަދި ތިންވަނަ ޓީމަކަށް ހޮވުނީ ގިނިމަސް ޓީމެވެ.

މި މަސްރޭހަކީ އިރުވަރު ނޫހަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި، ރަށްރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މުބާރާތް ހިންގަނީ އިރުވަރު ނޫހާއި ވަންދޫ ކައުންސިލާއި އަދި ވަންދޫ ވިޑްސް ޖަމްއިއްޔާ ގުޅިގެންނެވެ. މި މުބާރާތް މަސްވެރިންގެ ދުވަހުގެ ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވަންދޫއަކީ މަސްވެރި ރަށަކަށްވެފައި އަދި މަސްވެރިކަމާ ގުޅުންހުރި މިފަދަ މުބާރާތެއް ބާއްވަން އެންމެ އެކަށީގެންވަނީ މަސްވެރިންގެ ދުވަހު ކަމަށްވާތީއެވެ.

މުބާރާތުގެ ސްޕޮންސަރުންނަކީ ރާޢްޖޭގެ އެންމެ ބޮޑު މަސް ކުންފުނި މިފްކޯގެ "ފަސްމީރު" ބްރޭންޑާއި ރާއްޖެއިން އެންމެ ފުޅާކޮށް ބޮޑުކަންނެލި ބޭރުކުރާ އެންސިސްގެ "އެންޒީ" އާއި އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަމުގެ ސާމާނު ވިއްކާ "ހައި ފިޝިންގ ޓެކަލްސް" އެވެ.

މުބާރާތުން ވަނަ ވަނަ ހޯދާ ފަރާތްތަކަށާއި ޓީމުތަކަށް އިނާމުގެ ގޮތުގައި ދީފައިވަނީ މި ކުންފުނިތަކުގެ ޕްރޮޑަކްޓްތެކެވެ. އިރުވަރު ނޫސް ހިންގަމުން އަންނަ އިރުވަރު މޯލްޑިވްސްއިން ބުނީ ތަފާތު ގޮތަކަށް އަންނަ އަހަރު މި މުބާރާތް ބާއްވާނެ ކަމަށެވެ.

"މިހާ ފުރިހަމައަށް މި މުބާރާތް ރާވައި ބާއްވާފައި ވާތީ އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރަން ވަންދޫ ކައުންސިލަށާއި ވަންދޫގެ ވިޑްސް ޖަމްއިއްޔާއަށް. އެއަށްފަހު މި މުބާރާތަށްް އެހީތެރިކަން ފޯރުކޮށްދީފައިވާތީ މިފްކޯއަށާއި އެންސިސް އަދި ހައި ފިޝިންގ ޓެކަލްއަށް ޝުކުރު ދަންނަވަން. އަދި ވަންދޫ ރައްޔިތުންގެ ފަރާތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނަން. އަންނަ އަހަރު ބާއްވާ މުބާރާތުގައި ފައިސާގެ އިނާމާއެކު އަގުހުރި އިނާމުތަކެއް ދޭނަން." އިރުވަރު މޯލްޑިވްސްގެ ޑެޕިއުޓީ މާކެޓިންގ މެނޭޖަރު އާގިލް ޝަމީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *