Ad

ސަރަހައްދީ މަސްލަހަތު ކަނޑުވިޔަ ދީގެން ނުވާނެ!

އަވަށްޓެރި އިންޑިޔާ އާއި ޗައިނާއާ މެދު އޮންނަ ވާދަވެރިކަމުގެ ފައިދާ ރާއްޖޭގެ ސިޔާސީ ވެރިން ނަގަމުން ގެންދަނީ ފާޅުކަން ބޮޑު ގޮތެއްގައެވެ. ކުރީގެ ރައީސް ރައީސް މަޢުމޫނު އަބްދުލް ޤައްޔޫމުގެ ވެރިކަމަށް ފަހު، އިންޑިޔާ އާއި ޗައިނާއާ މެދު ހަހަމަ ސިޔާސަތެއް ރާއްޖެއިން ގެންގުޅޭތީއެއް ނުފެނެއެވެ. އެހެންވެ ދާހިލީ ސިޔާސަތުގެ އެއްކޮޅު އަބަދުވެސް އޮންނަނީ ހުޅުފަޅައިގެންދާ ފަދަ ހޫނުކަމެއްގެ ތެރޭގައެވެ.

ރައީސް މައުމޫން އިންޑިއާގެ ބޮޑުވަޒީރާއެކު. މައުމޫންގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތު ވަކިކޮޅަކަށް ބުރަވިތަނެއް ނުފެނޭ

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ގައުމުގެ ދާހިލީ އަދި ތަރައްގީގެ ސިޔާސަތުތައް ބައްޓަން ވެގެން ގޮސްފައި އޮތީ އިންޑިޔާގެ މަސްލަހަތުގެ މައްޗަށެވެ. މާބޮޑަށެވެ. އަދި ޗައިނާއަށް ފާޅުގައި ދިވެހި ވެރިން ގެންދެވީ ފާޑު ވިދާޅުވެ، އޭރު ގެންދެވީ އިންޑިޔާ ރުއްސަމުންނެވެ. ޗައިނާއަށް މަލާމާތާއި ފުރައްސާރަ ކުރުން އޮތީ އާންމުވެފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިގަތުމުގައި ޗައިނާގެ އެހީއަށް އެދުމުން، ޗައިނާއާއި އެގަމުގެ މަސްލަހަތު ދަމަހައްޓާ ގައުމުތަކުންވެސް ދިވެހި ރާއްޖެއަށް ދިނީ ފުރަގަހެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ނިޒާމު މެދުވެރިކޮށް ރައީސް ނަޝީދު "ނޭވާ ހާސްކޮށްލުމަށް" ނުވަތަ "އަތްފައި ބަނދެލުމަށް" ބައެއް ގައުމުތަކުގެ އެޖެންޓުން ރާއްޖޭގައި ހަރަކާތެރިވިއެވެ. ފައިސާއާއެކުގައެވެ. ބައެއް މީހުން އުޅުނީ އިންވެސްޓަރުންގެ ނަމުގައެވެ. އަނެއް ބަޔަކު އުޅުނީ ޓޫރިސްޓުންގެ ގޮތުގައެވެ. އެ މުޢާމަލާތްތަކުގެ ބައެއް ޔައުމިއްޔާތަކާއި ފޮޓޯތައްވެސް ދުނިޔޭގެ އިންޓެލިޖެންސް ނެޓްވޯކުތަކުގެ ބައެއް ހިސާބުތަކުގައި އާކައިވް ކުރެވިފައި އެބަހުއްޓެވެ. ރައީސް ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ބަދަލުވެގެން ދިޔަ ހާދިސާއަށް ފަހު ކޮމަންވެލްތަށް މިފަދަ ބައެއް ސިއްރު ރިޕޯޓްތައް ހުށަހެޅުނެވެ. އެ ރިޕޯޓްތަކަށް ވީގޮތް މިވަގުތަށް އަދި މި ބާއްވާލީއެވެ.

ދެން ފެނުނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނުގެ ވެރިކަން ބޮޑަށް އޮތީ އަމިއްލަފުޅު ކޮންޓްރޯލުން ބޭރުގައި، އޭރުގެ އިއްތިހާދުގެ ނުފޫޒު ގަދަ ބޭފުޅުންގެ މުށުތެރޭގައި ކަމުން، އިސްކުރެއްވީ ޗައިނާގެ ފާޅު މަސްލަހަތެވެ. އެއީ "އިންޑީޔާ އައުޓް" ސްލޯގަންގެ މަސްހަތެވެ. އިންޑިޔާއަށް ނަފްރަތާއި ފުރައްސާރައިގެ ބަސްތަކުން އެ ބޭފުޅުން އޭރު ގެންދެވީ އިންޑިޔާ ނުތަނަވަސް ކުރުވަމުންނެވެ. އެހެންނަމަވެސް ދިވެހި އާންމު ގިނަ ރައްޔިތުންނަށް ކަމުގެ ނުރައްކަލާއި ނާޒުކުކަން އިހްސާސްވެސް ނުވާ ކަހަލައެވެ.

ދިވެހި ސިޔާސީ ވެރިންގެ ޢަމަލުތައް ބައްޓަންވާ ގޮތުން، މިއިން ކޮންމެ ފަހަރަކު އިންޑިއާ އާއި ޗައިނާގެ ގުޅުމަށް އަސަރުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ އާއި ބައެއް ގައުމުތަކުން ފެއަށް ޖެހި، ތަފާތު ފިއްތުންތަކާ ދަތިތަކާ ދިވެހިންނާ ކުރިމަތިވެއެވެ. މިސާލަކަށް އިންޑިޔާގެ ނިންމުންތަކަށް އެމެރިކާ އާއި އިޒްރޭލާއި މިނޫންވެސް ނުފޫޒު ފަދަ ގައުމުތަކުން ތާޢީދުކޮށް އެ މަސްލަހަތު ދަމަހައްޓައެވެ. ޗައިނާގެ ނިންމުންތަކަށް ރަޝީޔާ އާއި އިރާން އަރަބި، ގަލްފުގެ ބައެއް ގައުމުތަކުން ބޯލަނބައެވެ. މި މަންޒަރުތަކަށް ދުރުމި އަޅާ ބެލުމުން ފެންނަނީ ދިވެހި ވެރިންގެ ޒާތީ މަސްލަހަތު ނެގެހެއްޓުމަށްޓަކައި ދިވެހި ގައުމަށް އެންމެ މަސްލަހަތު ހެޔޮ ގޮތްތައް އޮޔާ ދާތީއެވެ.

ރައީސް ނަޝީދުގެ ވެރިކަން އިންޑިޔާގެ މަސްލަހަތަށް ބުރަވެފައި އޮތް އޮތުން މުޅިން ދިމާ އިދިކޮޅަށް ބަދަލު ވެގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެމަނިކުފާނު ޗައިނާގެ މަސްލަހަތު އިސްކުރައްވައި، އިންޑިޔާއާ ފެއަށް ޖެހިވަޑައިގެންނެވީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ. ނަތީޖާއެއްގެ ގޮތުން އަވަށްޓެރި އިންޑިޔާގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ޖިއޯ ޕޮލިޓިކްސްގެ ނުފޫޒުގެ ތެރެއަށް ރާއްޖެ ވައްޓާލިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނަށް ޖެހިވަޑައިގަތީ، އިންޑިޔާއާއެކު މިލިޓަރީ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވާށެވެ. އިންޑިޔާ ކަނޑުގެ އަމާންކަމާއި ރައްކާތެރިކަމާއި ސަރަހައްދީ ދިފާއީ ނިޒާމު ހަރުދަނާ ކުރެއްވުމުގެ ނަމުގައެވެ. މިހާރު ފެންމަތިވެގެން އުޅޭ "ގޮތް ނޭނގޭ" އެއްބަސްވުންތަކުގެ އަސްލު ބިނާކޮށްފައި އޮތީ ރައީސް ޔާމީންގެ ގަލަންކޮޅުން ޖެއްސެވި ސޮޔާއެކުގައެވެ. މިކަން ދޮގު ނުކުރެވޭހާ ސާފުކޮށް ކަމުގެ ލިޔެކިއުންތަކާއި ޔައުމިއްޔާތައް ފެންނާން އެބަހުއްޓެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، އިންޑިޔާއިން ބަލަހައްޓަމުން ގެންދިޔަ ރާއްޖޭގެ ސަރަހައްދުގެ ރާޑަރު ސިސްޓަމްތައް، ޗައިނާގެ ރުހުން ބޮޑު ކުރުމަށްޓަކައި، ނިއްވާލެއްވިއެވެ. އެ ރާޑަރުތަކުގެ ފައިދާ ޗައިނާއަށް ނުލިބި އިންޑިޔާއިން "ހިތުހުރި ގޮތަކަށް" އެ ވީޑިއޯތަކާއި މަންޒަރުތައް ބޭނުން ކުރާތީއެވެ.

ދުނިޔޭގެ ދިފާއީ ދިރާސާތަކާއި ޓެރަރިޒަމާއި ޑްރަގްސް އަދި މަނީ ލޯންޑްރީގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ރާޑަރު ސިސްޓަމް "ކަނު ކޮށްލުމުން" ހަތިޔާރާއި މަސްތުތަކެއްޗާއި ތެލުގެ ވަގު ވިޔަފާރިތަކަށް ފުންމިން ނޭނގޭ މިންވަރަށް މަގު ފަހިވެ، އިންޑިއާ ކަނޑުގެ ރާއްޖެއާ ކައިރި ހިސާބުތަކުގައި ފިއްކަނޑައިގެންދާ ވަރުގެ ނުރައްކާތެރި ގިނަ މުޢާމަލާތްތަކެއް ހިންގާފައިވެއެވެ. އެކަންކަމުގައި ބައެއް ދިވެހިންގެ ބައިވެރިވުން ވެސް އޮތްކަން އެ ރިޕޯޓުތަކުން ފެނެއެވެ. ނަންތަކާއި ފޮޓޯތައްވެސް ފެންނާން އެބަހުއްޓެވެ.

އަދުގެ ހާލަތެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވެސް "އިންޑިޔާ އައުޓް"ގެ ސްލޯގަންގެ ދަށުންނެވެ. މިހާރު ރައީސް ޔާމީން އިދިކޮޅުގައި ހުންނަވައިގެންވެސް އެ ގެންދަވަނީ ހަމަ އެ ސްލޯގަންގައި ފުރާނައަޅުވައި، ދިރުން ގަދަކުރަމުންނެވެ. ސްޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރިތާ ހަފުތާއެއް ނުވަނީސް، ރަސްމީ ޕޯޑިއަމްގައި އިންޑިއާއަށް ބަހުގެ ހަމަލާތައް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދެއްވީ، ރައީސް އިބްރާހީމް ސޯލިހުގެ ވެރިކަމުގައި އިންޑިޔާގެ މަސްލަހަތުގެ މައްޗަށް ދިވެހި ގައުމުގެ ދާހިލީ ސިޔާސީ މަސްލަހަތު ދީލާލާފައި އޮތުމުން، ޗައިނާގެ ރުހުމާއި ތާއީދު ހޯއްދެވުމުގެ ގޮތުންނެވެ.

އިންޑިޔާ އާއި ޗައިނާގެ ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ތެރެއަށް ދިވެހި ގައުމުން ވަދެ، ވަކި ކޮޅެއް ނެގުމަކީ ދިވެހިންނަށް އެންމެ ހެޔޮ ގޮތެއް ނޫނެވެ. ދިވެހި ގައުމަށް އެންމެ މަސްލަހަތު ހެޔޮ ގޮތެއް ވެސް ނޫނެވެ.

ދިވެހިންނަށް އެންމެ ފައިދާ ބޮޑުވާނީ އިންޑިޔާ ކަނޑުގެ ރަސްގެފާނު ކަމަށްވާ އިންޑިޔާއާމެދު ތަފާތު ކުރުންތަކެއް ނުގެންގުޅެ، ދިވެހިންނަށް މަންފާކުރުވަނިވި ގޮތަށް އެހެން ގައުމުތަކާއެކު ގުޅުންތައް ދަމަހައްޓަމުން ގެންދިއުމެވެ. މާނަ އަކީ ޗައިނާ އަށް ގޮސް ހުސްވުމެއް ނޫނެވެ. އަދި އިންޑިޔާ އަށް ގޮސް ހުސްވުމެއް ވެސް ނުމެ ނޫން މެއެވެ. އިންޑިޔާ ކަނޑުގެ މަސްލަހަތު ދެމެހެއްޓެން އޮތީވެސް މި އުސޫލުތައް ކަނޑުވިޔަ ނުދީ ފެންމަތީގައި ހިފެހެއްޓިގެންނެވެ. ދިވެހި ރާއްޖެއިން މިކަމުގައި ނަމޫނާއަކަށް ނުވާންވީ ސަބަބެއް ނެތެވެ. ދިވެހިން ބޭނުންވަނީ ތަރައްގީ އާއި ތަނަވަސް ދިރިއުޅުމެވެ. އެހެންކަމުން ދިވެހިންގެ ދީނާއި މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްވާ ގޮތަށް އެހެން ގައުމުތަކުގެ ކިބައިން މަންފާ އާއި ލާބަ ހޯދުމުގައި ނަމޫނާ ދައްކަމާތޯއެވެ. ދިވެހި ސިޔާސީ ވެރިން މި ވިސްނުން އިސްކުރައްވުމަށް ސަޕޯޓަރުން ބާރުއަޅަމާތޯއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *