Ad

ބޮން ގޮއްވި މައްސަލައިގައި އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލާ އެމަނިކުފާނު ޒަހަމްކޮއްލި ކަމަށް އެއްބަސްވުމުން، އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

މިއްސަލަ ބެއްލެވި ގާޒީ ވަނީ އިތުރު 22 އަހަރާއި 4 މަހާއި 23 ދުވަހު ޖަލުގައި ބަންދުކޮށް އަދުހަމް ބެލެހެއްޓުމަށް އަންގަވައިފައެވެ. އެއީ ތަހުގީގަށް އޭނާ ބަންދުކުރި މުއްދަތު ކެނޑުމަށް ފަހު އެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ބޮން ގޮއްވާލާ އެކަމުގައި އެންމެ ބޮޑަށް އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. އެނާ ބޮން ގޮއްވާލާފައިވަނީ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި އަދުހަމްގެ މައްޗަށް 4 ދަޢުވާއެއް އުފުލިއެވެ. އެ ދައުވާ ތަކަކީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިޢުތިރާފްވެ ދައުލަތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިމައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްސަލަތައް މިހާރު ވަނީ ކްރިމިނަލް ކޯޓުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *