Ad

ޝެއިހު ހަސީނާ މަޖިލީހުގައި ދެއްވީ އަސަރުން ފުރިގެންވާ ތަޤުރީރެއް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ދެއްވީ އަސަރުން ފުރިގެންވާ ތަޤުރީރެކެވެ. މި ތަޤުރީރުގައި ބަންގްލަދޭޝް އުފެދުނު ގޮތާއި ބަންގްލަދޭޝް މިނިވަންކަމަށް ކުރި ދަތުރުގެ ވާހަކަ ވަރަށް ތަފްސީލްކޮށް ޚިއްޞާ ކުރައްވާފައިވެއެވެ. އަދި މީގެކުރިން މީޑިއާއެއްގައި އެކަމަނާ ނުދައްކަވާ އެތަކެއް ވާހަކަތަކެއް މި ތަޤުރީރުގައި ހިއްޞާ ކުރެއްވިއެވެ.

ބަންގްލަދޭޝްގެ ރައްޔިތުން މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އިން ކުރި އަނިޔާގެ ހަނދާންތައް މި ތަޤުރީރުގައި އެކަމަނާ އާ ކުރެއްވިއެވެ. ޝައިޚް ހަސީނާ އަކީ ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތްކޮށް އެކަން ކާމިޔާބުކުރި އެ ޤައުމުގެ ފުރަތަމަ ރައީސް ޝައިހް މުޖީބުއް ރަހްމާންގެ ދަރިކަނބަލެކެވެ. ޝެއިހު ހަސީނާ ވިދާޅުވީ ބަންގްލަދޭޝް މިނިވަންވެ އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ވެގެންދިޔައީ އެކަމަނާގެ ބައްޕަގެ ހަޔާތުގެ ބޮޑުބައި އަދި ސިޔާސީ ކެރިއަރުގެ ވެސް ބޮޑު ބައި ޖަލުގައި ހޭދަކުރައްވައިގެން ކަމަށެވެ. ޝައިހް މުޖީބުއް ރަހްމާން އެކި ފަހަރު މަތިން ހައްޔަރުކޮށް 13 އަަހަރު ޖަލުގައި ގެންގުޅުއްވި ކަމަށް ހަސީނާ ވިދާޅުވިއެވެ. މިއިން ކޮންމެ ފަހަރަކުވެސް ކުރަނީ ޤައުމަށް ގައްދާރުވި ކަމުގެ ތުހުމަތެވެ. ހަސީނާ ވިދާޅުވީ އެކަމަނާގެ ބައްޕާފުޅުގެ މައްޗަށް ކުރި ތުހުމަތުތަކަކި އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

"ބަންގްލަދޭޝްގެ އެތައް ބަޔަކު ކުރި މުޒާހަރާތަކާ ގުޅިގެން ފަހުން ބައްޕަ ޖަލުން ދޫކޮށްލީ. މިއާއެކު ބައްޕަގެ ޕާޓީ، އަވާމީ ލީގު ޕާޓީން 1971 ވަނަ އަހަރު ޕާކިސްތާނުގެ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯއްދެވި،" ޝައިހް ހަސީން ވިދާޅުވި އެވެ.

އަވާމީ ލީގުން އިންތިހާބު ކާމިޔާބުކުރި ނަމަވެސް ޕާކިސްތާނުގެ މިލިޓަރީ ސަރުކާރުން އެ ޕާޓީއަށް ވެރިކަން ހަވާލުނުކުރި ކަމަށާއި ބަންގްލަދޭޝްގެ މިނިވަން ކަމަށް ގޮވާލަން ޖެހުނީ މި ސަބަބަށްޓަކައި ކަމަށެވެ. މިއާއެކު ޕާކިސްތާނުގެ ސިފައިން ބަންގްލަދޭޝްގެ މީހުންނާ ދެކޮޅަށް ގަތުލު އާންމެއް ފެެއްޓި ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުން، ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކޮށް ފަހުން ބަންގަލްދޭޝްގެ ނަމުގައި އާ ގައުމެއް 1971 ވަނަ އަަހަރު އުފެއްދީ އެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ ޝެއިހު ހަސީނާގެ ބައްޕާފުޅު މުޖީބުއް ރަހުމާނެވެ.

"އަވާމީ ލީގް ޕާޓީގެ ލީޑަރަކަށްވެ ބޮޑުވަޒީރު ކަމަށް އައި ހިސާބުން ހާއްސަ މަސައްކަތްތަކެއް ކުރެވުނު. އެގޮތުން މިހާރު ބަންގްލަދޭޝަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ މެދުގައި ބައްޕާފުޅު ބޭނުންވި ގޮތަށް ޑިމޮކްރެސީ ގާއިމް ވެފައިވާ ގައުމެއް،" ޝެއިހް ހަސީނާ ވިދާޅުވި އެވެ.

ޝައިހް މުޖީބުއް ރަހްމާނަށް ވެރިކަން ކުރެއްވުނީ މަދު ދުވަސްކޮޅަކު އެވެ. ބަންގްލަދޭޝްއަށް 1975 ވަނަ އަަހަރު ގެނައި އަސްކަރީ ބަޣާވާތެއްގައި މުޖީބުއް ރަހުމާނާއެކު އާއިލާގެ ގިނަ މެމްބަރުން އަވަހަރާކޮށްލިއެވެ. މީގެ ތެރޭގައި ޝައިހް ހަސީނާގެ މަންމާފުޅާއި އެކަމަނާގެ ތިން ބޭބެ ވެސް ހިމެނެ އެެވެ. މިހާދިސާ ހިނގިއިރު ޝެއިހު ހަސީނާ ހުންނެވީ ޤައުމުން ބޭރުގައެވެ.

"ބައްޕަގެ އިތުރުން މަންމަ. ކުޑައަށް ހުންނަ ތިން ކޮއްކޮ، އެންމެ ކުޑަ ކޮއްކޮއަށް އެންމެ 10 އަހަރު. ބޮޑަށް ހުންނަ ފިރިހެން ދެ ކޮއްކޮގެ އަންހެނުން، ހުރިހާ އެންމެން މަރާލީ އެއްކޮށް. އަދި ބޮޑުބޭބެ ވެސް މަރާލި. އާއިލާ ތިން ގޭގެ މީހުން ނާއެކު އާއިލާގެ 18 މެމްބަރުން މަރާލި،" ޝައިހް ހަސީނާ އަސަރާއެކު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *