Ad

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ މިފްކޯއަށް ބާރުބޮޑުވުމުން މަސް ގަތުން ކޮންޓްރޯލްކޮއްފި

މާދަމާއިން ފެށިގެން މިފްކޯއަށް ގަންނާނީ ދޯންޏަކުން 5 ޓަނުގެ މަސް

މަސްވެރިކަން ރަނގަޅުވެ މަސް ލިބޭ މިންވަރު އިތުރުވުމާ ގުޅިގެން މާދަމައިން ފެށިގެން ދޯންޏަކުން ގިނަވެގެން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ހަމަޖައްސައިފިއެވެ.

މިފްކޯއިން ބުނީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަނގަޅުވެ ހުރިހާ ހިސާބެއްގައި ދޯނިފަހަރު އެއްފަހަރާ މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއިއެކު މަސްކިރުވުމަށް ދަތިތަކާއި ދިމާވެފައިވާ ކަމަށެވެ. 

"މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަގަޅުވެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ މިކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކާއި ވަނީ ދިމާވެފައެވެ. ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަންނަން ބޭނުންވާތީ، 23 ޑިސެމްބަރ 2021 ދުވަހު ކިއުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް، ހުކުރު ދުވަހުގެ ބަޔަކާއި އެކީގައި މިގެންދަނީ ކުރަމުންނެވެ. އާންމުގޮތެއްގައި ހުކުރު ދުވަހަކީ މަސް ނުކިރާ މިފްކޯގެ ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް ހާލަތަށް ބަލައި ފާއިތުވި 4 ހުކުރުދުވަހު ވެސް މަސް ކިރުމުގެ މަސައްކަތް ވަނީ ހުއްޓުމެއްނެތި ކުރިޔަށްގެންދެވިފައެވެ. ފާއިތުވެދިޔަ ދޮޅުމަސް ދުވަހު އާދަޔާޚިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރުތައް ފުރެމުންއަންނާތީ، މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައްގެނެސް ލޯޑުކޮށް އެކްސްޕޯރޓް ކުރުމުގެ މަސައްކަތްވެސް މި ދަނީ ކުރަމުންނެވެ." މިފްކޯގެ ބަޔާނުގައި ވެއެވެ.

ދޯންޏަކުން 5 ޓަނު މަސް ގަންނަ ގޮތަށް ކޮންޓްރޯލް ކުރަން ޖެހުނީ މަސްކިރަން އަންނަ ދޯނިފަހަރާއި، އެ ދޯނިތަކުން ގެންނަ ޢަދަދުތައް މާބޮޑަށް ގިނަވެ، މިހާރު ކިޔުގައިހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް މިފްކޯއިން ބުނެއެވެ.

މިގޮތަށް ހަމަޖަމަޖެއްސި ނަމަވެސް އެކުންފުނީގެ ސެންޓަރުތަކުން މިހާރު ކިޔު ނަމްބަރު ދެވިފައިހުރި ދޯނިފަހަރު މަސްކިރައި ނިމެންދެން، އެދޯނިފަހަރުގެ މަސް ކޮންޓްރޯލެއް ނެތި ކިރަމުންދާނެ ކަމަށް މިފްކޯގެ ބަޔާނުގައި ވެއެވެ.

"ފާއިތުވެދިޔަ 2020 އަހަރު މިފްކޯއިން ގަނެފައިވަނީ 49,392 ޓަނު މަހެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 56,198 ޓަނުމަސް ގަނެވިފައިވެއެވެ. ހަމައެކަނި މި ޑިސެމްބަރ މަހުގެ މިހިސާބަށް 8,796 ޓަނު މަސް ގަނެފައިވެއެވެ. މިއީ މިފްކޯގެ ތާރީޚުގައި މަހެއްގެ ތެރޭގައި އެންމެ ގިނައިން މަސްލިބޭނެ މަސްކަމަށާއި މިމަސް ނިމޭއިރު 10,500 ޓަނު މަސްގަނެވޭކަމަށް އަންދާޒާކުރެވެއެވެ. މަސް ގަތުމުގެ ކެޕޭސިޓީ އަށް ގެނެވިފައިވާ
ހެޔޮ ބަދަލާއެކު މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނުގެ މަސް ގަންނަމުންދެއެވެ. މިކަން ހާޞިލުކުރެވެމުންމިދަނީ ހުރި ވަޞީލަތްތަކާއިއެކު މިފްކޯގެ ހީވާގި މުއައްޒަފުން ރޭވުންތެރިކަމާއެކު މިކަމަށްތައްޔާރުވެ ކުރި ބުރަ މަސައްކަތުންނެވެ. މިކަން ކުންފުނީގެ މެނޭޖްމެންޓުން ޝުކުރުވެރިކަމާއެކު
ފާހަގަކުރަމެވެ." މިފްކޯގެ ބަޔާނުގައި ވެއެވެ.

މިފްކޯއިން އަންނަނީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިމެމުންދާ މި އަހަރުވެސް އެކުންފުނިން ވަނީ ދެ ބޯޓު ގަނެ މަސް ގަނެވޭ މިންވަރު އިތުރުކޮށްފައެވެ. މި ދެބޯޓުގެ ތެރޭގައި ރާއްޖެއިން ބޭރަށް މަސް ގެންދިއުމަށް ގެނައި ކެރިއަރު ބޯޓު "ޖަޒީރާ ރީފާ" ހިމެނެއެވެ. ދެން ގެނައި ބޯޓަކީ ދުވާލަކު 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ޖާގައިގެ ގޮތުން ތަނަވަސް ބޯޓެކެވެ.

"ރަނގަޅު މަސްވެރި މޫސުމުގައި ދިމާވަމުންދާ މަސްނުކިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު މިކުންފުނިން ކެނޑިނޭޅި މިގެންދަނީ މަސައްކަތްކުރަމުންނެވެ. މާތްﷲގެ ވާގިފުޅާއިއެކު މިފްކޯގެ ވަޞީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެއަތުން މަސްގަތުމަށް މިހާރު ދިމާވަމުންދާ މައްސަލަ ހައްލުވެގެންދާނެއެވެ." މިފްކޯގެ ބަޔާނުގައި ވެއެވެ.

މިފްކޯއާ އެެންމެ ވާދަވެރި ހޮރައިޒަން ފިޝަރީޒުންވެސް ވަނީ މަސްގަތުން ކޮންޓްރޯލް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *