Ad

އަޅުގަނޑުމެން މިއަދު ކުރަންވީ ކަމަކީ، މަރުހޫމް އުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަތުން: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން މިއަދު ކުރަންވީ ކަމަކީ، މަރުހޫމް އުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢުމަރު ޒާހިރަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއް ދެއްކެވި ބޭފުޅެއްކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާ ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫނެވެ. އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބެވެ.

"އާދެ، ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫން. އެ މަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްޤީގެ އެއް ތަނބު. ޤައުމީ ޚިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިޚްލާޞްތެރިކަމަކީ، އެ މަނިކުފާނުގެ ޠަބީޢަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ޙިކްމަތްތެރިކަމަކީ، އެ މަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން. ކިތަންމެ ތަޢުރީފެއް ކުރިޔަސް، އެ މަނިކުފާނު މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ހުރީ ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އެމަނިކުފާނު ދެއްކެވި ނަމޫނާތައް. ފެންނަން ހުރީ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ މަލަތައް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަރުހޫމް އުމަރު ޒާހިރުގެ ޚިދުމަތްތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައިވެއެވެ.

"ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއަރޕޯޓަކީ، ޢުމަރު ޒާހިރުގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމާއި، ޤައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ޤައުމީ ތަރިކައެއް. ހުޅުލޭ ފަޅު ހިއްކައިގެން ހުޅުމާލެ އުފެއްދުމަކީ، ގިނަ ގޮންޖެހުންތަކެއް ހުރަސްކުރައްވައިގެން، ޢުމަރު ޒާހިރު ކާމިޔާބު ކުރެއްވި ވަރަށް އަގުހުރި މަޝްރޫޢެއް. މާލޭގައި މިހާރު މި އޮތް އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން، މާލެ ބޮޑުކުރެއްވުމުގެ މަޝްރޫޢު ފުރިހަމަކުރެއްވީ، ސީދާ ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން. މާލޭގެ އަޑިގުޑަން މަގުތަކުގައި، ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން. ތިލަފަޅު ހިއްކައިގެން އުފެއްދި ތިލަފުށްޓަކީވެސް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި، ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ތަރައްޤީ ކުރެއްވި ވަރަށް މުހިންމު ރަށެއް. މިފަދަ ކިތަންމެ މަޝްރޫޢުތަކެއް، އެ މަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކާމިޔާބު ކުރެއްވި. މި ދެންނެވި މަސައްކަތްތަކަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތައް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ޢުމަރު ޒާހިރު އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

"މަރްޙޫމް ޢުމަރު ޒާހިރާމެދު މިއަދު އެންމެންވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަޚްލާޤް ރިވެތި، އަދި އިޚްލާޞްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ. މަޖީދިއްޔާ ސްކޫލްގެ ނާޒިރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޢުމަރު ޒާހިރު އެންމެ ބޮޑަށް އިސްކަން ދެއްވެވި ކަމަކީ، ރިވެތި އަޚްލާޤުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުން. ހަމައެކަނި ކިޔަވައިދީގެން މޮޅެތި ކުދިންނަށް ހެއްދެވީކީ ނޫން. ނާޒިރެއްގެ ގޮތުން އެމަނިކުފާނުގެ އެންމެ އިސް މަސައްކަތަކީ މީހުން މީހުންނަށް ހެއްދެވުން. ރާއްޖޭގައި ތަފާތު ކުޅިވަރުތަކާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގައިވެސް، ޢުމަރު ޒާހިރު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައި. ކުޅިވަރުގެ ދާއިރާގައިވެސް، އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ކުޅުންތެރިންގެ ކިބައިގައި ކުޅިވަރުގެ އަޚްލާޤު ހަރުލެއްވުމަށް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ޚިދުމަތުގެ އިތުރުން އުމަރު ޒާހިރު ވަނީ ވަރަށް މުޙިންމު ތަރިކައެއް އަޅުގަނޑުމެންނަށް ދޫކުރައްވާފައިކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

"މި ދެންނެވި ޤައުމީ ޚިދުމަތްތަކުގެ އިތުރުންވެސް ވަރަށް މުހިންމު ތަރިކައެއް،އެ މަނިކުފާނުވަނީ އަޅުގަނޑުމެންނަށް ދޫކުރައްވާފައި. އެއީ އެ މަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ޑައިރީ. އެމަނިކުފާނު އެ ޑައިރީ ލިޔުއްވަން ފަށްޓަވާފައި އޮތީ، ކިޔަވާވިދާޅުވާން މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގެންނެވި ދުވަހު. އާދެ އެއީ، 1943 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި. އޭރު އެމަނިކުފާނުގެ ޢުމުރުފުޅުން ވާނީ އެންމެ ހަތް އަހަރު. އެ އަހަރުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އެ މަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކު ޑައިރީ ލިޔުއްވަމުން. އެއީ އެއް ފޮތެއް، ދެ ފޮތެއް ނޫން. ސާޅީހަށްވުރެ ގިނަ ފޮތާއި، އެތައް ބައިވަރު ނޯޓްތަކެއް. ސަރުކާރުގެ އެތައް ޒިންމާތަކެއް އަދާކުރައްވަމުން، ދުވަހުން ދުވަހަށް ޑައިރީ ލިޔުއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެ. އެ ޑައިރީ ކިޔައިލުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނު. އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައް، ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތް. އޭގެ އިތުރުން، ޤައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި. އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ޞަފްޙާތަކުން އަޅުގަނޑަށް މުޅިންވެސް ފެނުނީ ޢިބްރަތްތަކާއި ފިލާވަޅުތައް. އެއީ ތާރީޚީ މަޢުލޫމާތުގެ ކަންޒެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން އެބަހުރިކަމަށާއި މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަތުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އާދެ، މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން އެބަހުރި. އަޅުގަނޑުމެން މިއަދު ދައްކަންވީ އެ ވާހަކަތައް އެކަންޏެއް ނޫން. މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަތުން. ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި، އެ މަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަތުން. އެހެންކަމުން، އެ މަނިކުފާނު ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *