Ad

ރައީސް ޔާމީނުގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދާ އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖެހުން: އެމްޓީޑީ

ރައީސް ޔާމީނުގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދާ އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖަހާ، ކޮވިޑްގެ މި ދަތިހާލުގައި ރާއްޖެއަށް ބޭރުން ލިބޭ އެހީ ތަކާއި އަދި ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ހުއްޓުވާލުން ކަމަށް އެމްޓީޑީން ބުނެފިއެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ކުއްވެރިކޮށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އެމްޓީޑީން ނެރުނު ނޫސްބަޔާނުގައި ވަނީ ިހާތަނަށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތައް ކުރިއަރާފައި ވަނީ ބަވަނަވެފައިވާ ދުނިޔޭގައި އެންމެހާ ގައުމުތަކާއި އެކު ގުޅުން ބަދަހިކޮށްގެން ކަމަށެވެ.

އެމްޓީޑީން ނެރުނު ބަޔާނުގައި، "އިންޑިއާ އައުޓް" ހަރަކާތް ސިފަކޮށްފައި ވަނީ "އިންޑިއާގެ އެއް ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ހިންގަވާ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއް" ގޮތުގައެވެ.

"މިއަދު ރައީސް ޔާމީނު "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާގެ 1 ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ނަފުރަތު އުފައްދަން ހިންގަވަނީ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެކެވެ. މިއަދު ރައްޔިތުންނަށް ކޮވިޑް-19 އިގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ނާޖާއިޒު ފައިދާ ނައްގަވައިގެން ނަފުރަތާ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަކީ ދިވެހިރާއްޖެ ދެކެލޯބިވާ އެއްވެސް ލީޑަރެއް ކުރާނެ ކަމެއް ނޫނެވެ. މިއަދު ރައީސް ޔާމީނަށް އެއްވެސް އުންމީދެއް ރައްޔިތުންނަކަށް ނުދެވެއެވެ. ބަދަލުގައި އެމަނިކުފާނު ގެންގުޅުއްވަނީ ހުރިހާ ކަމަކަށް އެންމެ އެޖެންޑާއެކެވެ. އެމަނިކުފާނުގެ ވައުދަކީވެސް އަދި މެނިފެސްޓޯ އަކީވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާއެވެ." އެމްޓީޑީގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އެ ބަޔާނުގައި ވަނީ، އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ދިވެހި ރައްޔިތުންނަށް އެއްވެސް އުއްމީދެއް ނުދެވޭ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ޔާމީން ގެންގުޅުއްވަނީ "ނަފުރަތު އުފެއްދުމާއި ބަދަލުހިފުމުން ފުރިގެންވާ" އެޖެންޑާއެއް ކަމަށް މި ބަޔާނުގައި ވެއެވެ.

"ރައީސް ޔާމީނުގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދާ އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖަހާ، ކޮވިޑްގެ މި ދަތިހާލުގައި ރާއްޖެއަށް ބޭރުން ލިބޭ އެހީ ތަކާއި އަދި ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ހުއްޓުވާލުމެވެ. ރައީސް ޔާމީނު ތަރައްގީގެ ނަމޫނާއަކަށް ސިންގައްޕޫރުގެ ވާހަކަ ދައްކަވާއިރު ސިންގައްޕޫރުގެ ހަރުދަނާ ފޮރިން ޕޮލިސީއެއް އެނގިއެއްނުލައްވައެވެ. ސިންގައްޕޫރު، ޔޫއޭއީ ފަދަ އެތައް ކުދި ގައުމެއް ތަރައްގީވެފައި ވަނީ ބެލެންސްޑް ފޮރިން ޕޮލިސީއަކާއި އަދި ވަރުގަދަ ޑިފެންސް ޕާރޓްނަރޝިޕްތަކަކާއި އެކީގައެވެ." މި ބަޔާނުގައިވެއެވެ.

ރައީސް ޔާމީނަށް "ހަޖަމު ނުވިޔަސް" އިންޑިއާއިން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެމުންދާ އެހީތައް މެދުވެރިކޮށް ރާއްޖެ ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެމްޓީޑީން ބުނެފައިވެއެވެ. އަދި މިިއީ ރައީސް ސޯލިހުގެ ހަރުދަނާ ހާރިޖީ، ދިފާއި އަދި އިގްތިސާދީ ސިޔާސަތުތަކުގެ ފުރިހަމަ ނަތީޖާ ކަމަށް މި ބަޔާނުގައި ވެއެވެ.

"މީގެކުރިންވެސް ދިވެހި ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީވީ ގޮތަށް ކޮވިޑް-19 ކާރިސާ 2020 ވަނަ އަހަރު ފެށުނީއްސުރެ މިއަދާ ހިސާބަށްވެސް މިދިވެހި ގައުމު ބަނގުރޫޓު ނުވެ މެނޭޖް މިކުރެވެނީ އިންޑިއާގެ ބޮޑުއެހީތެރިކަމަކާއިލައިގެންނެވެ. އެއީ މުޅި ދުނިޔެ ބަންދުކޮށްފައި އޮތް އިރުވެސް ޓްރެވެލް ބަބުލް އެއް ގާއިމު ކޮށްގެން ރާއްޖެއަށް ފަތުރުވެރިން އިންޑިއާއިން އާދެވޭނެ ގޮތް ހަމަޖައްސާ ދެއްވާ އަދި ބޮޑެތި ބަލިތަކަށް ރާއްޖެއިން ނުކުރެވޭ  ބޭސްފަރުވާ ކުރަން އިންޑިއާ އަށް ދެވޭގޮތް މުޅި އިންޑިޔާ ބައްދުކޮށްފައި އޮތްއިރުވެސް ދިވެހިންނަށް ހާއްސަކަން ދީގެން ހަމަޖައްސައި ދިނެވެ. އަދި ވެކްސިން އިންޑާއިން ހިލޭދިން ފުރަތަމަ ގައުމަކަށް ރާއްޖެވީއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިހާރުވެސް އަންނަނީ އިންޑިއާއިންނެވެ. އަދި ތިލަމާލެ ބްރިޖް ފަދަ އެތައް ތަރައްގީގެ މެގަ ޕްރޮޖެކްޓްތަކަކަށް ލުއިލޯނާއި ބަޖެޓް ސަޕޯޓް އަދި ހިލޭ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ފާއިތުވީތިން އަހަރުތެރޭ އިންޑިއާއިން ރާއްޖެއަށް މިވަނީ ދެއްވާފައެވެ." ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އެމްޓީޑީގެ ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *