Ad

315 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތީ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މިއަދު ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ 1048 ރަބަރު ޕެކެޓާއި، 154 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 90 ދަޅާއި، 15 ބިޑީއާއި ދެ ބޭސް ގުޅައިގެ އިތުރުން އެހެނިހެން 2171 އައިޓެމެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 314.82 ކިލޯއެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރ. އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 215 ކިލޯގެ މަސްތުވާތަކެއްޗާއި އދ. މަހިބަދު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 107 ކިލޯގެ މަސްތުވާތަކެތި ހިމެނެއެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ހޯމް މިނިސްޓަރ ޝެއިހް އިމްރާނާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޕޮލިސް ބޯޑުގެ ނައިބު ރައީސް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވިއެވެ.

މިނިސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ދިވެހިރާއްޖޭގައި އޮތް އިޖުތިމާއީ އެންމެބޮޑު މައްސަލަ ކަމަށާ އަދި މި މައްސަލަ ހައްލުކުރުމަށް ފުލުހުން އެކަނި މަސައްކަތްކޮށްގެން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމުގައެވެ. އަދި މި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ވެރިންނަށާއި ހާއްސަ ގޮތެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން އަދި ގާނޫނީ ހަމަތަކުގެ ތެރެއިން އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނައްތާލުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރެއްހައި ދުވަސްތެރޭގައި ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ހިންގި ހަރަކާތްތައް ހުއްޓުވައި އަދި ޓްރެފިކް ކުރުމުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތި އަތުލައިގަތުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެފައިވާ ކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތި ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އަހުމަދު ޝާކިރު ދެއްކެވި ވާހަކަފުޅުގައި، ބޮޑެތި މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތި ނައްތާލުމުގެ ހުއްދަ ފުލުހުންނަށް ލިބިގެންދަނީ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކުރުމަށް ފޮނުވުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ. އަދި ހުއްދަ ލިބުމަށްފަހު ވީ އެންމެ އަވަހަކަށް އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *