އެކި މައްސަލަތަކާ ގުޅިގެންނާއި ޑްރަގް އެންފޯސްމަންޓުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.
މިތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ. އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 86 މައްސަލައެއް/ އިންސިޑެންޓެއްގައި ހިމެނޭ 296 ފުޅި ބަނގުރަލާއި 2418 ބިޔަރު ދަޅާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 51 އައިޓަމެވެ. އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނާއި ދަބަސް ފަދަ ތަކެއްޗެވެ.
މިއަދު ނައްތާލި ތަކެއްޗަކީ ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. އަދި އިންސިޑެންޓްތަކުން ނައްތާލާފައިވާނީ ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ގެނެސްފައިވާ ބަނގުރަލެވެ.
މިއަދު ނައްތާލި ތަކެއްޗާއެކު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ އެއް މައްސަލާގައި ހިމެނޭ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ވަނީ ނައްތާލެވިފައެވެ.
ބަނގުރާ ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން ޑްރަގް އެންފޯސްމަންޓްގައި މަސައްކަތްކުރާ އިންސްޕެކްޓަރ ރޭންކުން މަތީގެ އޮފިސަރަކާއެކު ކަމާގުޅޭ ތަމްރީނު ނުވަތަ މައުލޫމާތު ލިބިފައިވާ ފުލުހުން ހިމެނޭ ޓީމަކުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލާފައިވާއިރު، މިއަދު ވަނީ 314 ކިލޯގެ މަސްތުވާތަކެތިވެސް ނައްތާލާފައެވެ.