Ad

ލ. މާވަށު "ފަހިމަގު" ދޯނި ތ.ވަންދޫ ފަޅުތެރޭގައި އޮތް ގިރިއަކަށް އަރައިފި

ލ. މާވަށު ފަހިމަގު ދޯނި ތ.ވަންދޫ ފަޅުތެރޭގައި އޮތް ގިރިއަކަށް އަރައިފިއެވެ.

މި ދޯނި ވަންދޫ ފަޅުތެރޭގައި އޮންނަ "ބޭރު ގިރި"އަށް އެރީ ވަންދުއަށް އައިސް އަޅަން އަންނަނިކޮށް މިރޭ 8 ޖަހާ ކަންހާއިރުއެވެ. ފަހިމަގު ދޯނި ފުންކުރުމުގެ މަސައްކަތް ވަންދޫގެ 2 މަސްދޯނި ކަމަށްވާ "އަސްދާން"އާއި "އޮއިކުރި" ދޯނީގައި ވަންދޫ ރައްޔިތުން ކުރަމުންދާކަމަށް ވަންދޫ ކައުންސިލުން ބުނެއެވެ.

ފަހިމަގު ދޯނި ފުންކުރުމުގެ މަސައްކަތަކުގައި ވަންދޫގެ ދެ މަސްދޯނި ހަރަކާތްތެރިވަނީ

ވަންދޫ ކައުންސިލްގެ ރައިސް ޝިޔާޒު އިބްރާހިމް ވިދާޅުވީ ދޯނި އަރާފައިވަނީ ގިރީގެ މެދަށް ކަމަށާއި މިވަގުތަކީ ދިޔަވަރު ހިކޭ ވަގުތުކަމަށްވާތީ ފުންކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"އެންމެ ފުރަތަމަ އަސްދާނު ދޯނީގައި ގޮސް ވާޖަހައިގެން ފުންކުރެވޭތޯ ބެލީ. އެދޯނި އެކަނި ޖަހައިގެން ކުރިއެރުމެއް ނުލިބުމުން އޮއިކުރި ދޯނި ގޮސް ދެދޯނި އެއްކޮށް ޖަހައިގެން ދެ ދޯނީގެ ވާތައް ކަނޑައިގެން ދިޔައީ. ފުންވާގޮތެއް ނުވި. މިވަގުތަކީ ދިޔަވަރު ހިކޭ ވަގުތައްވާތީ ފުންކުރަން އުނދަގޫވެގެން އުޅެނީ. އެންމެ ދިޔަވަރު ބޮޑުވާގަޑީގައި ދެ ދޯނި ޖަހައިގެން ފުންވާނެކަމަށް މި ބަލަނީ. ވަރަށް ބޮޑަށް ގިރިއަށް އަރާފަވަނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފަހިމަގު ދޯނި ވަންދޫ ވިލުތެރޭގައި އޮތް ގިރިއަކަށް އުރިފައި

ޝިޔާޒް ވިދާޅުވީ، މިގިރި އިންނަ ތަނުގެ ގޮތުން މިފަދަ އެތައް ހާދިސާތަކެއް ހިނގަމުންދާ ކަމަށެވެ.

"ގިރި ފާހަގަކުރަން ގިރީގައި ބައްތިއެއްވެސް ޖަހާފައި އިންނާނެ. އާންމުކޮށް މިރަށު ފަޅަށް ނުވަންނަ ދޯނިފަހަރަށް މި ގިރީގެ ނުރައްކާ ވަރަށް ބޮޑު. ރަށުގެ ބަނދަރާ ދިމާލަށް ގާތްގަނޑަކަށް 300 ވަރަކަށް ފޫޓު ދުރުގައި މި ގިރި އިންނަނީ. މީގެކުރިންވެސް މިގިރިއަށް އަރައިގެން ބައެއް ދޯނިފަހަރަށް ބޮޑެތި ގެއްލުންވެސް ވެފައި އެބަހުރި." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފަހިމަގު ދޯނި ފުންކުރުމުގެ މަސައްކަތަކުގައި ވަންދޫގެ ދެ މަސްދޯނި ހަރަކާތްތެރިވަނީ

މިވަގުތު ފަހިމަގު ދޯނި އޮތީ އަރި ނުވާނެ ގޮތަށް ބެލިބަސްދާތައް ޖަހައިފައެވެ. މިހާދިސާގައި ދޯނީގެ އެއްވެސް ފަޅުވެރިޔަކަށް ގެއްލުމެއްވީކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *