4 ވަނަ ކައުންސިލާއެކު ބޮޑުފޮޅުދޫ ކައުންސިލް ހިނގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފުރަތަމަ ރަސްމީ 100 ދުވަހު ކައުންސިލުން ކުރަން އަމާޒުހިފާފައިވާ ކަންތައްތައް ކުރުމަށް މަސައްކަތް ކުރީ މައިގަނޑު 7 ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ،
އަހްވަންތަވެރިން، ރަށްވެހި މުއައްޒަފުން، ތަރުބަވީ މުޖުތަމައެއް، ހުޅުދާން ޖީލެއް، ހަށިހެޔޮ ރައްޔިތެއް، ހިތްގައިމު ވެއްޓެއް އަދި ފުދުންތެރި ޖަމާއަތެއް މިއެވެ.
ފުރަތަމަ ރަސްމީ 100 ދުވަސް ތައާރަފުކުރެވި، މިއިން ކޮންމެ ބައެއްގެ ދަށުން ކުރާނެ ކަންތައްތައް ކަނޑައަޅައި، ރައްޔިތުންނާއި ހިއްސާކުރެވުނެވެ. ފުރުތަމަ ރަސްމީ 100 ދުވަސް ނިމިނުއިރު ކައުންސިލަށާއި ރައްޔިތުންނަށް ވަނީ އެތައްގޮތަކުން ހިތްހަމަޖެހުން ގެނުވައިދީފައެވެ. ރަސްމީ 100 ދުވަސް ނިމުނުއިރު ހާސިލްކުރެވިފައިވާ ނަތީޖާއަކީ، އެނަތީޖާއަކާއިމެދު ކައުންސިލްގެ މެމްބަރުންނާއި މުޅި ކައުންސިލް ފަހުރުވެރިވާ ނަތީޖާއެއް ކަމަށް ރަށު ކައުންސިލުން ފާހަގަކުރެއެވެ.
"ކައުންސިލްގެ ރައީސް ހުންގާނުގައި ހުންނަވައި މެމްބަރުން ކުރީސަފުގައި ސާބިތުކަމާއިއެކު ތިއްބަވައި، ފަހަތަށްޖެހުމެއް ވަރުބަލިވުމެއްނެތި އަމަލީ ގޮތުން މަސައްކަތް ކުރައްވައި ދެއްވި އިރުޝާދާއި އެއްގޮތަށް މުއައްޒަފުން ހިތްވަރު އެލުވާލުމެއްނެތި ކުރި މަސައްކަތުގެ ނަތީޖާ ހަޤީގަތުގައިވެސް ވަރަށް ފޮނި. ފުރަތަމަ ރަސްމީ 100 ދުވަސް ނިމުނުއިރު ކަނޑައެޅިފފައިވާ ކަންތައްތަކުގެ ތެރެއިން %90 ވަނީ ހާސިލުރެވިފައި." ބޮޑުފުޅަދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
އަހްވަންތަވެރިން:
އާ ކައުންސިލަރުން ހުވާކުރެއްވުމަށްފަހު ރަށް 4 އަވަށަކަށް ބަހާލައި އެ އަވަށްތަކަށް އަވަށުވެރިން ކަނޑައެޅި، އަވަށުވެރިންނާއި ޒިންމާތައް ހަވާލުކުރެވުނެވެ. މިއީ ރާއްޖޭގެ ވަރަށް ކާމިޔާބު ކަމެއް ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. މީގެއިރުން މި ޝިއާރުގެ ދަށުން ހާސިލްކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި:
- މުއައްޒަފުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލް އިދާރާގެ ޖާގަ ތަނަވަސްކޮށް ސްޓާފުކެބިންތައް ޖަހައި، މުއައްޒަފުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހަމަކުރުން. ކައުންސިލްގެ ރައީސަށާއި ކައުންސިލަރުނަށް ބޭނުންވެލައްވާ ފަރުނީޗަރާއި ވަސީލަތްތައް ގަތުން މަޑުޖައްސަވާލައްވައި ފުރުތަމަ މުއައްޒަފުންނަށް ވަސީލަތްހަމަކުރުމަށް ކައުންސިލްގެ އެންމެހާ މެމްބަރުން ނިންމެވި ނިންމެވުމަކީ އެބޭފުޅުންގެ ހިތުގައި މުއައްޒަފުންނާއިމެދު އޮތް ލޯތްބާއި ޤަދަރުގެ ބޮޑުކަން ސާބިތުކޮއްދޭ އަލިގަދަ ހެއްކެއް.
- އައިޓީއާއި ގުޅޭ ވަސީލަތްތައް ގަނެވި ފެންވަރު ރަނގަޅު ނެޓްވޯކެއް ޤާއިމުކުރެވި، ނެޓްވޯކް މައްސަލައަށް ދާއިމީ ހައްލެއް ހޯދިފައިވޭ.
- ކައުންސިލްގެ މަސައްކަތް ކުރިޔަށްދާ މިންވަރާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ސްކްރީންއެއް ޤާއިމްކުރެވިފައިވޭ. އެހެންނަމަވެސް ޓެމްޕަރޭޗާގެ ސަބަބުން ސްކްރީނަށް ގެއްލުންވެދާނެކަމަށް ޤަބޫލުކުރެވޭތީ އަދި ސްކުރީން ޤާއިމުކުރެވިފައިވާ ސަރަހައްދު ސެކިއުރިޓީ ޕޯސްޓަކަށް ހަދަން ބޭނުންވާތީ، ކައިރި މުސްތަޤުބަލެއްގައި ސްކްރީން ޤާއިމުކުރެވިފައިވާ ސަރަހައްދަށް ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ވަނީ ނިންމަވާފަ.
- ކްލަބް ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި ކައުންސިލުން އެފަރާތްތަކަށް ފޯރުކޮށްދެވޭނެ އެހީތެރިކަން ދެނެގަތުމަށްޓަކައި މަޝްވަރާބައްދަލުވުންތަކެއް ވަނީ ބޭއްވިފައި.
- "ބޮޑުފޮޅުދޫ ރަށްވެހި އެޕްލިކޭޝަން" ގެ ނަމުގައި އެޕްލިކޭޝަންއެއް ވަނީ ޤާއިމުކުރެވިފައި. އަދި 2022 ވަނަ އަހަރުގެ ފުރުތަމަ ކުއާޓާގައި މި އެޕްލިކޭޝަން ރައްޔިތުންނަށް ބޭނުންކުރެވޭނެ.
ރަށްވެހި މުވައްޒަފުން
- ކައުންސިލްގެ މުއައްޒަފުންނަށް ހާއްސަކޮށް ރަށްވެހި މުއައްޒަފުންގެ ނަމުގައި ސިލްސިލާ ތަމްރީން ޕްރޮގްރާމެއް ތައާރަފުކުރެވިފައިވޭ.
- އޮފީސް މާހައުލަކީ މަސައްކަތްކުރުމަށާއި ހިދުމަތް ފޯރުކޮށްދިނުމުގައި ހިތްގައިމު މާހައުލަކަށް ހެދިފައިވޭ.
ތަރުބަވީ މުޖުތަމައު
- ކުދިންގެ އަހްލާޤާއި ގުޅޭގޮތުން ރޫޓްކޯސް އެނަލިޒިސްއެއްހަދައި ، މައިގަނޑު މައްސަލަތައް ހައްލުކުރެވޭނެ ގޮތެއް ހޯދުން
- އުއްމީދީ ދަރިފުޅުގެ ނަމުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކެއް ތަޢާރަފުކުރެވި ޢިލްމީ ބޭފުޅުން މެދުވެރިކޮށް ތަފާތު ހަރަކާތްތައް ދަނީ ކުރިޔަށް ގެންދެވުމުން. އަދި މިޕްރޮގްރާމްގެ ސަބަބުން ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަންނަމުންދާ ހެޔޮބަދަލަކީ، މިއީ ކާމިޔާބު ޕްރޮގްރާމެއްކަން ސާބިތުކޮއްދޭ ހެއްކެއް. ޕްރޮގްރާމު ކުރިޔަށް ގެންދިއުމުގައި ޑރ. ނާޒް އާއި ޖަމިއްޔަތުލް ސަލަފު އަދި ރައްޔިތު ކުދިބޮޑު އެންމެހާ ފަރާތްތަކުން ދެއްވާ އެއްބާރުލުން ކައުންސިލުން ބަލައިގަންނަނީ އެންމެހާ ފަރާތްތަކަށް ޝުކުރުވެރިވާ ހާލުގައި، ނުހަނު އުފަލާއެކު.
- ދަރިންނާއެކު ބޭނުންތެރިވަގުތު ހޭދަކުރާނެ ގޮތުގެ މަސައްކަތު ބައްދަލުވުމެއް ވަނީ ކުރިޔަށް ގެންދެވިފައި،
- ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނުކުންނަ ކުދިންނަކީ ނުރަނގަޅު އާދަތަކުން އެއްކިބާވެފައިވާ، ރިވެތި އަހްލާޤުގެ ވެރިބަޔަކަށް ހެދުމުގެ މަސައްކަތް ވަނީ ފެށިފައި.
- ކްލަބްޖަމިއްޔާތަކުން ކައުންސިލްގެ ޕްލޭންއާއި އެއްގޮތަށް ތަރުބަވީ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދަށުން އާރުބީޖީ ސްޕޯޓްސް ކުލަބުން ކުރިޔަށް ގެންދިޔަ މަދަހަ މުބާރާތަށާއި ޤްރުއާން މުބާރާތައް މާލީ އެހީތެރިކަން ފޯރުކޯށްދެވިފައިވޭ.
ހުޅުދާން ޖީލެއް
- ރާސްތާ ކުތުބުހާނާއެއް ޤާއިމުކުރުން: ރާސްތާ ކުތުބުހާނާގެ ވަށާފާރު ރޭނި ، ތަނަށް ބޭނުންވާ ފަރުނީޗަރުތަކުގެ ޑިޒައިންތައް ތައްޔާރުކުރެވި، އެގޮތުގެ މަތިން ފަރުނީޗަރުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ބަޔަކާއި ހަވާލުކުރެވިފައި.
- އ.އ.ބޮޑުފޮޅުދޫ ސުކޫލާއި ގުޅގެން އެކިއެކި އުމުރުފުރާތަކަށް ބަހާލައިގެން އަދަބީ މުބާރާތްތަކެއް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދެވިފައި.
- ސްކޫލުގެ އެންމެހާ ކުދިންނަކީ ފަތަން އެނގޭކުދިންނަށް ހެދުމަށް،ސްވިމިންގ އިންސްޓްރަކްޓަރ ނައުފަލް މޫސާއާއި ގުޅިގެން "ލަގަނަ 2″ ގެ ނަމުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވަނީ ކުރިޔަށް ގެންދެވިފައި.
- "ބޮޑުފޮޅުދޫގެ ތާރީޚުން – ފުހެވިގެން ނުދާނެ ސަފުހާތަކެއް" ގެ ނަމުގައ ބޮޑުފޮޅުދޫގެ ތާރީޚް ފޮތް އެކުލަވާލައި ނެރެވިފައިވޭ. އަދި މިފޮތް ލާންޗް ކޮށްދެއްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު.
ހަށިހެޔޮ ރައްޔިތެއް
- ސިއްހީ މަރުކަޒުގައި ވަސީލަތްހަމަ ލެބޯޓްރީއަކާއި ލޭބަރ ރޫމެއް ޤާއިމްކުރުމުގެ މަސައްކަތް އާރު ޖަމިއްޔާއާއި ގުޅިގެން ވަނީ ފެށިފައި.
- ޑެންޓަލް ކްލިނިކް ޤާއިމުކުރުމަށް އެމްއޯޔޫގައި ސޮއިކުރެވިފައިވާ ނަމަވެސް އެމަސައްކަތް ކުރިޔަށް ނުގެންދެވި ވަނީ ޑެންޓަލް ކްލިނިކް ހެދުމަށް ނިންމާފައިވާ އިމާރާތުގެ މައްސަލަ ކޯޓް މަރުހަލާގައިވުމުން.
- ސިއްހީ މަރުކަޒުގައި އެމްބިއުލާންސް ގަރާޖެއް ހެދުމުގެ މަސައްކަތް ވަނީ ބަޔަކާއި ހަވާލުކުރެވިފައި.
- ފުޓުބޯޅަ ދަނޑުގައި ޓާރފްއެޅުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި.
- "ރަށުފޯރީގެ ނަމުގައި" ދެޖިންސަށް ހާއްސަކޮށް ވޮލީމުބާރާތެއް ވަނީ ކުރިޔަށް ގެންދެވިފައި.
ހިތްގައިމު ވެއްޓެއް
- މަގުފާރުތައް ޒީނަތްތެރިކުރުމުގެ މަސައްކަތްވަނީ ފެށިފައި.
- މަގުތަކުގައި ފެންބޮޑުވުން ހައްލުކުރުމުގެ މަސައްކަތަށް ބޭނުންވާ ޕްލޭން ތައްޔާރުކުރެވި އެކަމަށް ބޭނުންވާ ވަސީލަތްދަނީ ހަމަކުރެވެމުން
- ނަމޫނާ މަގެއްހެދުމަށް އާރުޖަމާއަތާއި ގުޅިގެން މަގުތަކުގައި ބޯޑުތައް ދަނީ ބެހެއްޓެމުން. އަދި ލެންޓާންތަށް ޖެހުމުގެ އަމަލީ މަސައްކަތް ދަނީ ކުރިޔަށް
- ޒަމާނީ މިސްކިތް، މަސްޖުދުލް ތަޤްވާ ނިންމައި ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވަނީ މިސްކިތް ހުޅުވާދެއްވާފަ.
- މަސްޖިދުލް އީސާރީ މިސްކިތުގެ އާބައުތުރަ ފިލުވައި މިސްކިތްވަނީ މަރާމާތުކުރެވިފައި.
- އިޖުތިމާއީ މަރުކަޒުގެ ޚިދުމަތްވަނީ ރަސްމީކޮށް ދޭންފެށިފައި.
- އިސްމާލުކަލޭފާނު މަހާނައަކީ އާސާރީ ތަނެއްގެ ގޮތުގައި ކަނޑައަޅައި އިންވަކިކޮށް އެސަރަހައްދުވަނީ ހިމާޔަތްކުރެވިފައި.
- ބަނދަރުތެރޭގައި ތަރުތީބުން އުޅަނދުއަޅައި ބަނދަރުމަތީގައި އެއްޗެހި ބެހެއްޓުމުގެ އުސޫލު އެކުލަވާލައި، އުސޫލު ވަނީ ތަންފީޒުކުރެވެން ފަށާފަ.
- ކުޑަކުދިންގެ ޕާކު ވަނީ ވަގުތީ ގޮތުން މަރާމާތުކުރެވިފައި. އެހާބޮޑު މަރާމާތަކަށް ދެވިފައި ނުވަނީ، 2022 ވަނަ އަހަރު ޔޫތު މިނިސްޓްރީން ރަނގަޅު ފެންވަރެއްގައި ޕާކް މަރާމާތުކޮށް ފަރުމާކުރުމަށް ފަންޑް ކޮއްދެއްވާނެ ކަމަށް ދަންނަވާފައިވާތީ.
- ކްލަބް ޖަމިއްޔާތަކުން ކައުންސިލްގެ ޕްލޭންއާއި އެއްގޮތަށް ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދަށުން އާރުބީޖީ ސްޕޯޓްސް ކްލަބުން މަސްކަނޑާއަށި ހެދުމަށް، ކައުންސިލުން މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައި.
ފުދުންތެރި ޖަމާއަތެއް
- "ފޮޅުދޫ މާޓް" ގެ ނަމުގައި ވިޔަފާރި އެޕްލިކޭޝަނެއް ވަނީ ޤާއިމްކުރެވިފައި.
- ޓޫރިޒަމް ދާއިރާއަށް އަމާޒުކޮށް ކުރުމުއްދަތުގެ ކޯސްތަކެއް ހިންގުމަށް އެމްއޭއެމް ބިޒުނަސް ސުކޫލާއި ގުޅިގެން މިދާއިރާއާއި ގުޅޭ ކޯސްތަކެއް ވަނީ އިއުލާން ކުރެވިފައި. އަދި މިކޯސްތަކާއި ގުޅޭގޮތުން ޒުވާނުންނާއި ބައްދަލުކުރެވި މައުލޫމާތު ދެވިފައިވޭ. އެހެން ނަމަވެސް ބައިވެރިން ހަމަނުވުމުގެ ސަބަބުން ކޯސްފެށޭގޮތް ވަނީ ނުވެފަ.
- "ރަށްވެހި ހުނަރު" ގެ ނަމުގައި ހުނަރު ދައްކާލުމުގެ މައުރަޒެއް ވަނީ ބޭއްވިފައި.
"ކައުންސިލްގެ ފުރުތަމަ ރަސްމީ 100 ދުވަސް ކާމިޔާބު 100 ދުވަހަށް ހެދިފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި ރައްޔިތުންގެ އެއްބާރުލުމާއެކުކަން ފާހަގަކޮށް އ.އ.ބޮޑުފޮޅުދޫ ކައުންސިލްގެ ނަމުގައި އެފަރާތްތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބިނިވި ހަމަ ކޮންމެ ކަމެއްގައިމެ ކައުންސިލުން، ފަހަތަށްޖެހުމެއްނެތި ކުރިޔަށް ދާނެކަމުގެ ފުރިހަމަ ޔަޤީންކަން ބޮޑުފޮޅުދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން." ބޮޑުފުޅަދޫ ކައުންސިލުން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.