ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ވަންދޫގައި ކުޑަކުދިންގެ ހަވީރެއްް ބާއްވައިފިއެވެ.
ވަންދޫ ކައުންސިލުން އިސްނަގައިގެން ބޭއްވި މި ހަވީރު ބާއްވާފައިވަނީ ވަންދޫގެ އެކިއެކި މުވައްސަސާ ތަކާ ގުޅިގެންނެވެ. ކުޑަކުދިންނާ ގުޅޭ އެކިއެކި ސްޓޯލްތަކާއެކު ކުރިއަށްދިޔަ މި ހަވީރުގައި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ވަންދޫ ހެލްތު ސެންޓަރުގެ ސްޓޯލަށެވެ.

ހެލްތު ސެންޓަރުގެ "ހަދިޔާ ގާޑިޔާ"އިން ވަނީ ހުރިހާ ކުދިންނަށް ކޮޓޮންކެންޑީ، އާއި އެކި ފުލެވާރތަކުގެ ޖޫގޯ އަދި ޕޮޕްކޯން ފަދަ ކުޑަކުދިން ގަޔާވާ ބާވަތްތަކުގެ ހަދިޔާ ކުދިންނަށް ދީފައެވެ.

ހެލްތް ސެންޓަރުގެ މި ސްޓޯލް ކުރިއަށް ގެންގޮސްފައިވަނީ ތ. ކަނޑޫދޫ ސިޕް އެންޑް ސުނެކް ރެސްޓޯރެންޓާއި ގުޅިގެންނެވެ. މި ހަވީރުގައި އެ ރެސްޓޯރެންޓްގެ މުވައްޒަފުން ވަންދުއަށް އައިސް ހެލްތު ސެންޓަރުގެ މުވައްޒަފުންނާއެކު މިހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން މި ހަވީރުގައި ވަންދޫ ސުކޫލް، ފެނަކާ ވަންދޫ ބުރާންޗް އަދި ރަށު ކައުންސިލްގެ ސްޓޯލްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ އެކިއެކި ކުޅިވަރުގެ ހަރަކާތްތަކާއި ތަފާތު ވައްތަރުގެ ކެރެކްޓަރ ތަށް ވަނީ ފެނިގެންގޮސްފައެވެ.

މިއީ މިހާ ކުލަގަދަކޮށް ކުޑަކުދިންގެ ހަވީރު ވަންދޫގައި ފާހަގަކުރި ފުރަތަމަ ފަހަރުކަމަށް ވަންދޫ ކައުންސިލުން ބުނެއެވެ.




