ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ދޭ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓު ޑިސްކައުންޓު ދިނުމަށް 160 މިލިއަނެއްހާ ރުފިޔާ ހޭދަވާނެކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ކޮންމެ ގޭބީސީއަކަށް ކަރަންޓު ބިލުން ޑިސްކަރުންޓުގެ ގޮތުގައި 10 ޕަސެންޓު ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި އެކަމަށްޓަކައި 160 މިލިއަން ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.
2022 ވަނަ އަހަރު ދިވެހިރާއްޖޭގެ ބޯހިމެނުމުގެ ރިޕޯޓް ދައްކާގޮތުން ރާއްޖޭގައި ހުންނަނީ 94،424 ގޭބީސީއެވެ. އެހެންކަމުން ކޮންމެ ގޭބީސީއަކަށް އެވަރެޖްކޮށް 1694 ރުފިޔާ ކަރަންޓު ޑިސްކައުންޓުގެ ގޮތުގައި ލިބޭނެއެވެ. އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ޑިސްކައުންޓު ދިނުމަށް ހޭދަވާނެ ސީދާ ޢަދަދު އެނގޭނީ ރޯދަމަސް ނިމި ބިލްތައް ޖެނެރޭޓްކޮށް ނިމުމުންކަމަށެވެ.
މިދިޔަ އަހަރުވެސް ރޯދަމަހު ކަރަންޓު ބިލްތަކުން ޑިސްކައުންޓު ދީފައިވެއެވެ. އެކަމަށް 130 މިލިއަން ރިފިޔާ ޚަރަދުވިކަމަށް ސަރުކާރުން ބުނެއެވެ. ރޯދަމަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއްކަމަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަކުން ބުނެއެވެ. އެހެންކަމުން ޑިސްކައުންޓު ކެނޑުމުންވެސް ޢާންމު މަސްމަހަށްވުރެ ކަރަނޑު ބިލުގެ ޖުމްލަ ޢަދަދު އިތުރުވާކަމުގެ ޝަކުވާ ޢާންމުން ކުރެއެވެ.
މި ރޯދަމަހާ ދިމާކޮށް ސަރުކާރުން ހިލޭ ބަހާ މަސްދަޅުކޭސްތަކަށް ހޭދަކުރާ 60 މިލިއަނާއި، ކަރަންޓު ޑިސްކައުންޓަށް ހޭދަކުރާ 160 މިލިއަނާއެކު، ޖުމްލަ 220 މިލިއަން ހިލޭ އެހީގެ ގޮތުގައި އެބަ ފޯރުކޮށްދެއެވެ.
މި ތަކެތި ދެނީ ހުރިހާ ގޭބީސީތަކަށް އެއްހަމައަކުން ކަމުން، މުއްސަނދި ގޭބީސީއެއް ފަޤީރު ގޭބީސީއެއް ނުބަލައި މި ޢިނާޔަތްތައް ދެއެވެ. 220 މިލިއަން ޚަރަދުކުރާއިރު، ހަމައެކަނި އޭގެ ބޭނުންޖެހިފައިވާ ގޭބީސީތަކަށް ލިބިދެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަނަމަ، ބޭނުންޖެހިފަިއވާ ގޭބީސީތަކަށް އެކަށީގެންވާ އެހީއެއް ލިބިދެވޭނެކަން ޔަޤީނެވެ. މިހާރު މިކަން އޮންނަ ގޮތުން ޢާންމު އެންމެ އާދައިގެ ގޭބީސީއަކަށްވެސް ލިބެނީ ޤާސިމް އިބްރާހީމްއާއި، ސަން ޓްރެވަލް ޝިޔާމްފަދަ ބޭބޭފުޅުންގެ ގޭބީސތަކަށްވެސް ލިބޭ މިންވަރުގެ އިނާޔަތެކެވެ.
ޙަޤީޤަތުގައި މުއްސަނދި ގޭބީސީތަކަށް ދޭ އިނާޔަތް ވާނީ ބޮޑެވެ. އެއީ އެފަދަ ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވީމާ ޑިސްކައުންޓުވެސް އިތުރުވާނެތީއެވެ.




