ޣައްޒާ ހުސްކޮށް އެތަނަކީ ރިސޯޓް ސިޓީ އެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަރަބި ލީގުގެ ފޮރިން މިނިސްޓަރުންގެ ސިއްރު ބައްދަލުވުމެއް ބާއްވައިފި އެވެ.
އަރަބި ލީގުގެ ފޮރިންގ މިނިސްޓަރުންގެ އެބައްދަލުވުމާ ގުޅޭގޮތުން އޭއެޕްޕީއަށް ސިއްރުން މައުލޫމާތު ދިންފަރާތަކުން ބުނެފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ ބައްދަލުވުމަކީ ޣައްޒާގެ 2.4 މިލިއަން އާންމުން އެތަނުން ބޭރު ނުކޮށް، ހަނގުރާމައަށް ފަހު ޣައްޒާ އަލުން އާރާސްތުކުރުމަށާއި އެކަމާ ގުޅޭ މަޝްވަރާތަކަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގެ ކުރިން މިސްރުގެ ފޮރިން މިިނިސްޓަރު ބަދުރު އަބުދުއްލަތީ ވަނީ އުރުދުން، ބަހްރެއިން، ޓިއުނީޝިއާ، އިރާގު އަދި ޔަމަނުގެ އިތުރުން ފަލަސްތީނުގެ އިސް ޑިޕްލޮމެޓާ އެކު ވަކިވަކިން ބައްދަލުކުރައްވައިފައި ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ އަދި އެ ބައްދުލުވުމުގައި މަޝްވަރާކޮށްފައިވަނީ އަންގާރަދުވަހު ބާއްވާ އަރަބި ސަމިޓް ސަމިޓަށް ހުށަހެޅުމެއް ހުށަހަޅަން ކަމަށްވެސް އޭއެފްޕީއަށް އެފަރާތުން ބުނެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ޣައްޒާ ގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން މިސްރާއި އުރުދުން އަށް ގެންގޮސް ޣައްޒާ ސިޓީ އަކީ "ޓްރަމްޕް ޣައްޒާ" ގެ ގޮތުގައި ތަރައްގީ ކުރުމަށް ގެންގުޅުއްވާ ތަސައްވަރުގެ މައްޗަށް ބިނާކޮށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ އިންސްޓަގްރަމް އެކައުންޓުގައި ޣައްޒާ ބަދަލުވެގެންދާނެ ގޮތް ދައްކުވައިދޭ ވީޑިއޯއެއް ޕޯސްޓް ކޮށްފައެވެ.
އެ ވީޑިއޯގައި ފެންނަ ގޮތުން ޣައްޒާ ގެ ނަމަކީ ޓްރަމްޕް ޣައްޒާ އެވެ. އަދި ބޮޑެތި ހޮޓެލްތަކާއި ގޮނޑު ދޮށުގައި ފިރިހެނުން އަންހެން ހެދުން އަޅައިގެން ނަށާއިރު ޓްރަމްގެ އެއްމެ ގާތް އެކުވެރިޔާ ބިލިއަނަރު މަސްކް ފައިސާގެ ވާރޭތެރޭގައި ނަޝާތަނާއި އަދި އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިސްރާއިލް ގެ ރައީސް ނަތަންޔާހޫ ޕޫލެއްގެ ކައިރީ ސަން ބެޑެއްގައި އޮންނަވާތަން ފެނެއެވެ.




