ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒް ފޯރުވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މެމްބަރު ޑރ.ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ކުއްލި މައްސަލައެކެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިީހުން ފާސްކުރީ ވެސް އެ ކަމުގެ ތެރެއިން ކަމަށް ކަމަށާއި، އަދި އެ މައްސަލާގެ އަޑު އެހުމެއް މިދިޔަ ބުރާސްފަތި ދުވަހު ތާވަލްކޮށްފައިނިކޮށް، އެ ދުވަހު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ މައްސަލަ ހިނގުން ހުއްޓުވައި، މައްސަލަ ބަލަން ހުރަސް އެޅުމުގެ ގޮތުން ކަމުގައިވެސް ކުއްލި މައްސަލާގައި ބުނެފައިވެއެވެ.
ކުއްލި މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓް ދެއްވާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ 11 މެމްބަރުންނެވެ. މައްސަލަ ބޭރުވެފައިވަނީ އެމައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ޕީއެންސީއަށް ނިސްބަތްވާ 46 މެމްބަރު މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓް ދެއްވުމުންނެވެ.




