ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަ: ރައީސް

ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންގެންދާ ކޮމަންވެލްޓު ދުވަހުގެ މުނާސަބަތުގައި ފިނުވާފައިވާ މެސެޖްގައެވެ.

އެމެސެޖުގައި އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ޙައްޤުތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން އަރުވާ ކަމަށާއި، ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބަދަހިކަން ކަމަށެވެ.

އެގޮތުން މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު "ޓުގެދަރ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިޢާރެއްކަމަށާއި، ހަމަނުޖެހުމާއި، ނާއިންސާފުގެ ހިޔަނި މި ދުނިޔެއަށް އެޅިފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ޙައްޤުގައި އަޑުއުފުލައި، މޫސުމީ ވިލުންތެރިކަމާއި، މާލީ ވަޞީލަތްތަކަށް ފުރުޞަތު ފަހިކުރުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުން ފަދަ، ޚާއްޞަކޮށް ކުދި ދައުލަތްތަކުގެ މަސްލަޙަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސް ގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *