ފެބްރުއަރީމަހު މީރާގެ އާމްދަނީއަށް %5.4 ގެ ކުރިއެރުމެއް ލިބިއްޖެއެވެ.
ފެބްރުއަރީ މަހުގެ މީރާގެ މަންތްލީ ރެވެނިއު ކަލެކްޝަން ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު މީރާއަށް ލިބިފައިވަނީ 2.34 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހު އޭގެ ކުރީ އަހަރުގެ ފެބުރުއަރީމަހާ އަޅާބަލާއިރު %5.4 ވަނީ އާމްދަނީ އިތުރުވެފައެވެ.
ނަމަވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ޓެކްސް ރެވެނިއުގެ ގޮތުގައި މީރާއަށް ލިބިފައިވާ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު 2.08 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފެބުރުއަރީމަހު ލިބިފައިވަނީ 1.89 ބިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ފެބްރުއަރީމަހު އާމްދަނީ އިތުރުވެފައިވަނީ ނޮން ޓެކްސް ރެވެނިއު އިންނެވެ. އެގޮތުން މިދިޔަ އަހަރު ނޮން ޓެކްސް ރެވެނިއު ގެ ގޮތުގައި 262.9 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފެބްރުއަަރީމަހު 582.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފެބުރުއަރީ މަހު ޖީއެސްޓީ ގެ ގޮތުގައި 1.23 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސް ގެ ގޮތުގައި 401.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިޔަން ރުފިޔާ އާއި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 102.4 މިލިޔަން ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީ ލިބޭ 12 ދާއިރާއަކުން މިދިޔަ އަހަރުގެ ފެބްރުއަރީ މަށްވުރެ އާމްދަނީ ދަށްވި ނަމަވެސް 21 ދާއިރާ އަކުން މިދިޔަ އަހަރުގެ ފެބްރުއަރީމަހަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވެއެވެ.
މި މުއްދަތުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.




