ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފި އެވެ.
ޒަމާނީ ވަޞީލަތްތަކާއެކު ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ފެނަކަ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ މިނިސްޓްރީ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި މަތީ ތައުލީމާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާ ބެހޭ މިނިސްޓަރ ހައިދަރު އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް އެވެ.
ދުވާފަރުގައި ތަރައްގީކުރާ ދަނާލާއި ޓްރެއިނިނގ ސެންޓަރާ ގުޅޭގޮތުން މަތީ ތައުލީމާ ބެހޭ މިނިސްޓަރީން ބުނީ ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ތަރައްގީ ކުރާ އެކަމަޑޭޝަން ޚިދުމަތްތައް ބިނާ ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ހަމަޖެހިފައިވާކަމަށާއި، އެތަން ތަރައްގީ ކުރަނީ ޝެއަރިންގ 31 ރޫމް އާއި، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާގޮތަށް ކަމަށެވެ.




