ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ލަފާއެރުވީ، އެ ބިލަކީ ފަނޑިޔާރުން ވަކިކުރުމުގެ އުސޫލާ ފުށުއަރާކަމަށް ފެންނާތީ ކަމަށް ބުނެފި އެވެ.
ބަންޑާރަ ނައިބު އުޝާމްގެ ލަފާގައިވާ ގޮތުން، ސުުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ 7 ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ދަށުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ހިލާފުނުވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ހުށަހެޅިދާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެ ބިލުގައި ކަނޑައަޅާފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ އެ އުސޫލާ ފުށުއަރާނެ ކަމަށާއި އިންސާފުވެރިކަމާ އެކު ހުރިހާ ފަނޑިޔާރުން ޝާމިލްވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާބިލްކަން ކަނޑައެޅުމުގެ ފުރުސަތު ގެއްލިދާނެ ކަން ވެސް ބިލުން ފާހަގަކުރެއްވޭ ކަމަށް ވިދާޅުވެފައި ވެއެވެ. ވުމާއެކު އެ ކަންކަމަށް ރިއާޔަތް ކުރައްވައި ބަންޑާރަ ނައިބު އުޝާމްގެ ލަފާގައި ވިދާޅުވީ، އެ ބިލް ތަސްދީގު ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.