ސިއްހީ ދާއިރާގެ ބޮޑެތި މަޝްރޫއު ތަކެއް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްދިއެވެ.
އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހދ. ހަނިމާދޫ ހޮސްޕިޓަލާއި، އދ. މާމިގި ހޮސްޕިޓަލާއި، ކުޅުދުއްފުށި ދަމަނަވެށި އަދި ކ. ގާފަރު ސިއްޙީ މަރުކަޒާއި، ތ. ވިލުފުށި ހޮސްޕިޓަލާއި، ވ. ފެލިދޫ ހޮސްޕިޓަލާއި، ށ. މާއުނގޫދޫ ސިއްޙީ މަރުކަޒާއި، އަދި ނ. ފޮއްދޫ ސިއްޙީ މަރުކަޒު އަދި ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހދ. ހަނިމާދޫ ހޮސްޕިޓަލާއި، އދ. މާމިގި ހޮސްޕިޓަލާއި، ކުޅުދުއްފުށި ދަމަނަވެށި އަދި ކ. ގާފަރު ސިއްޙީ މަރުކަޒު އިމަރާތް އެޅުމަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ. ހެލްތު މިނިސްޓްރީއާއި އާރުޑީސީ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިނގ ޑީރެކްޓަރ ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޢަލީ ޒުހެއިރުއެވެ.
އާރުޑީސީއާއި ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި ޕްރޮޖެކްޓުގެ އަގަކީ 23,113,061.08ރ އެވެ. ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގަކީ 26,819,434.82ރ އެވެ. މީގެ އިތުރުން ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ޕްރޮޖެކްޓުގެ އަގަކީ 104,834,778.55ރ އެވެ. އަދި އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގަކީ 105,004,634.47ރ އެވެ.
މީގެ އިތުރުން ތ. ވިލުފުށި ހޮސްޕިޓަލާއި، ވ. ފެލިދޫ ހޮސްޕިޓަލާއި، ށ. މާއުނގޫދޫ ސިއްޙީ މަރުކަޒާއި، އަދި ނ. ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮސްފައިވަނީ އެމްޓީސީސީ އާއިއެވެ. އެގޮތުން އެ މަސައްކަތްތަށް ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އެސިސްޓެންޓް ކޮމިނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީ އާއި ހަވާލުކުރި މަޝްރޫއު ތަކުގެ ތެރެއިން ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ޕްރޮޖެކްޓުގެ އަގަކީ 26,878,072.40ރ އެވެ. ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ޕްރޮޖެކްޓުގެ އަގަކީ 27,219,325.40ރ އެވެ. މީގެ އިތުރުން ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ޕްރޮޖެކްޓުގެ އަގަކީ 105,360,655.93ރ އެވެ. އަދި ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގަކީ 105,132,701.20ރ އެވެ.
މީގެ އިތުރުން ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. އެގޮތުން އެމަސައްކަތުގެ އެއްބަސްވުމުގައި ހެލްޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހްއެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 103,595,304.83ރ އެވެ.




