75 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅަކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން، ފުލުހުންގެ ޢިމާރަތްތައް އެޅުމަށް ޙަވާލުކުރައްވާފައިވަނީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރެޝަނާއެވެ.
އެގޮތުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ ޢިމާރާތް ތަރައްޤީކުރުމަށް އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ.
އޭގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި އެ މަޝްރޫޢުތަކުގެ ތެރޭގައި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
75 ރަށުގެ ފުލުހުންގެ މަރުކަޒު އެޅުމަށް ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އެމްޓީސީސީ އާއި ހަވާލުކުރި ޕްރޮޖެކްތް ތަކުގެ އެއްބަސްވުންތަކުގައ އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ.
އަދި އާރްޑީސީއާއި ހަވާލުކުރި ޕްރޮޖެކްތް ތަކުގެ އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރެވެ. މީގެއިތުރުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރި ޕްރޮޖެކްތް ތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.




