ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު ޖޭއެސްސީ އިން ކުރި އިއުލާނާ ގުޅިގެން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު ކުރިމަތިލައްވައިފި އެވެ.
މިއަދުގެ ހެނދުނު 10 ޖެހިއިރު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދު އާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ. މީގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިރުކަމަށް އެދި ހުށަހެޅުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ގެ ހުށަހެޅުން ބަލައިގަނެފައިވާ ކަމަށް ޖޭއެސްސީން ކުރިން ވަނީ ބުނެފައެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 2018 ވަނަ އަހަރު އެވެ.




