75 ރަށުގެ ވޭސްޓް މެނޭޖްމަންޓް ފެސީލިޓީ ގައިމް ކުރުމަށް ސަރުކާރުގެ 3 ކުންފުޏަކާ ހަވާލުކޮށްފި އެވެ.
ހުއްޓިފައިވާ މަޝްރޫއުތައް ހިމެނޭ ގޮތަށް، 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ "މަގޭ ސާފު ރާއްޖެ ޕްރޮގްރާމު" ގެ ދަށުން ހިންގާ އެ މަޝްރޫޢު ތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އަދި އެމްޓީސީސީ އާއިއެވެ.
75 މަޝްރޫއުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 26 ރަށެއްގައި ކުރިއަށްދާ މަޝްރޫއު އަޕްގްރޭޑުކުރާށެވެ. އަދި ފެނަކައާ ހަވާލުކޮށްފައި ވަނީ 22 ރަށެއްގައި ހިނގަމުންދާ މަޝްރޫއު އަޕްގްރޭޑްކުރުމާއި 3 ރަށެއްގައި މުޅިން އަލަށް އެ ހިދުމަތް ފެށުމަށެވެ. އަދި އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 20 ރަށެއްގެ މަޝްރޫއު އަޕްގްރޭޑްކުރުމާއި 4 ރަށެއްގައި އަލަށް އެ ހިދުމަތް ގާއިމުކުރާށެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖްކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި، އެކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރާ 109 ރަށެއްގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަނީ އެފަދަ މަޝްރޫއުތައް، މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ގާއިމުކޮށްފައި ކަމަށާއި، މިހާރު ހަވާލުކުރެވުނު އެ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ވެސް 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ވެމްކޯއާ ހަވާލުކޮށްފަ އެވެ.




