މިއަހަރުގެ ޕީކް ސިޒަނަށް ތައްޔާރު ވުމުގެ ގޮތުން ހުޅުމާލޭގައި ތައްޔާރުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފިއެވެ.
ސްޓެލްކޯއިން ބުނީ ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 އިންޖީނުގެ ތަރައްޤީކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން އެންމެ 10 ދުވަހުގެ މަސައްކަތުން ކަމަށާއި، އެ މަސައްކަތް ހާއްސަ ސަމާލުކަމެއް ދީގެން ކޮށްފައިވަނީ މިއަހަރުގެ ޕީކް ސީޒަނާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީ ކަމަށެވެ. އަދި ސްޓެލްކޯއިން ބުނީ ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 ހުޅުވާފައިވަނީ 48000 އަކަފޫޓުގެ ބިމެއްގައި ކަމަށްވެސް ބުނެފައިވެއެވެ.
އިންޖީންގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ރޯދަ މަހުގެ ފަހު 10 އެއް ސަރުކާރު ބަންދުކުރުމާއި އަދި ސްކޫލް ޗުއްޓީއާއި ދިމާވުމުން ރަމަޟާން މަހު ކަރަންޓް ބޭނުންކުރާ މިންވަރު އެހެން އަހަރުތަކާ އަޅާ ވަލާއިރު މަތި ނުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންނަމަވެސް ރަމަޟާން މަހަށްފަހު އަންނަނީ ހޫނު މޫސުމުގެ ކަރަންޓު ޕީކްވާނެ ދުވަސްވަރުކަމަށް ބެލެވޭތީ ސްޓެލްކޯއިން ތައްޔާރުވަމުންދާކަމަށެވެ.
ސްޓެލްކޯއިން ހުޅުމާލޭގައި ޤާއިމުކުރި އެނެކްސް 2 އީންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ސްޓެލްކޯއިންވަނީ ނިންމާފައެވެ. މީގެތެރެއިން 7 ޖަނަރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުންކުރަންވަނީ ފަށާފައެވެ. ބާކީ 5 ޖަނަރޭޓަރު ސެޓު މިރަމަޟާން މަހުގެ ތެރޭގައި ގެނެވި ރޯދަ ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާކަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
އެއާއެކު ހުޅުމާލޭ އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށްވެސް ފަހްމީ ވިދާޅުވި އެވެ.




