އދ.އެރިއަދޫގައި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ "ކޮކްނަޓް ޑިވެލޮޕްމަންޓް ސެންޓަރ" ގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެ ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާކުރުމަށް ޚިޔާލު ދޭން ބޭނުންވާ ފަރާތްތައް ނަން ނޯޓުކުރުމަށް އާއްމުންނަށާއި، ޖަމިއްޔާތަކުގެ އިތުރުން ކުންފުނިތަކަށްވެސް އެ މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް އެރަށަކީ ދަނޑުވެރި ކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.
ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އެރަށުގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރެވޭނެކަމަށް އެ މިނިސްޓަރީން ވިދާޅުވެއެވެ.
އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް އެ މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާރޗްވެސް އަރިއަދޫގައި ފަށާނެކަމަށާއި އަދި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިއުމަށްވަނީ ނިންމަވާފައެވެ.
މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެކެވެ. މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެކަމަށް ދަނޑުވެރި ކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ވިދާޅުވެއެވެ.





One Response
ކާށި އާލާކުރާ އިދާރާ…އނގިރޭސި ނަންދޫކޮށްލާ!