ރާއްޖެއާ އިންޑިއާއާއި ދެމެދު ކުރެވޭ ވިޔަފާރީގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ދީފިއެވެ.
އިންޑިއާގެ ސެންޓްރަލް ބޭންކް ކަމުގައިވާ ރިޒާވް ބޭންކް އޮފް އިންޑިއާއިން އިއްޔެ ނެރުނު ސަރކިއުލާއެއްގައި ބުނީ އިންޑިއާ އާއި ރާާއްޖެއާ ދެމެދު ކުރެވޭ މާލީ މުއާމަލާތްތަކުގައި އޭސީޔޫ މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެ ކަމަށެވެ. އިންޑިއާގެ ރިޒާވް ބޭންކުން ދީފައިފައިވާ މި ހުއްދަ އަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދީފައިވާ ހުއްދަ އެކެވެ.
މީގެ އިތުރުން އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުއާމަލާތްތައް ހިންގާ ނިޒާމެކެވެ. އޭސީޔޫގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ބެލަރޫސާއި ބޫޓާނާއި އިންޑިއާ އާއި އީރާނާއި މިޔަންމާ އާއި ނޭޕާލާއި ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.