ސްރީ ލަންކާގެ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން ހައްޔަރުކުރަން ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކުރަން ކޯޓުން ދެކޮޅު ހަދައިފި އެވެ.
ސްރީ ލަންކާގެ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން ހައްޔަރުކުރަން ކޯޓުން އަމުރުކުރީ ގަވާއިދާ ހިލާފަށް އެގައުމުގެ ފުލުހުން ލައްވައި ހިންގި އޮޕަރޭޝަނެއް ފެއިލްވެ އޮފިސަރަކު މަރުވުމާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ފަހުން އިންސްޕެކްޓާ ޖެނެރަލް ދޭޝާބަންޑޫ ޓެންނަކޫން ފިލާފައިވާތީ، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިވުމަށް ފުލުހުން ވަނީ އާންމުކޮށް އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ ޓެންނަކޫން ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހާއްސަ ޔުނިޓެއް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ޔުނިޓްގެ މަސައްކަތުން އޭނާގެ އަންހެނުންނާއި ދަރިފުޅު ފެނިފައިވާކަމަށެވެ. އަދި ފުލުހުންގެ ތަރުޖަމާނު ބުދިކާ މަނަތުންގާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުލުހުންގެ ވެރިޔާ ނުހޯދުމުގެ ސަބަބުން ފުލުހުންނާ މެދު އާންމުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ޓެނަކޫން ހައްޔަރުކުރަން މެޖިސްޓްރޭޓަކު މިދިޔަ ފެބްރުއަރީ މަހު އަމުރުކުރީ ދެކުނުގެ އައްސޭރިފަށުގެ ރިސޯޓް ޓައުނެއް ކަމަށްވާ ވެލިގަމާގައި ގާނޫނާ ހިލާފަށް ރެއިޑް ކުރަން ހުއްދަ ދިން ކަމުގެ ތުހުމަތާ ގުޅިގެންނެވެ. އަންޑަކަވަރ އެ އޮޕަރޭޝަން ގައި ހިނގި ކުރިމަތިލުމުގައި ބަޑީގެ ހަމަލާއެއްގައި ފުލުހަކު މަރުވެ އެކަކު ވަރަށް ބޮޑަށް ޒަޚަމްވި އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ.




