ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޙުސައިން ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު ޙުސައިން ޝަހީދާ ހަވާލުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރައްވައި މިވަނީ ސްޕްރީމް ކޯޓުގެ ފަނޑޮޔާރު ކަމުގައި ހުންނެވި އަލްއުސްތާޒް ހުސްނުއްސުއޫދު އެ މަޤާމުން އިސްތިއުފާދެއްވުމާގުޅިގެންނެވެ.
އެގޮތުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަޤާމަށް ކުރިމަތިލުމަށް ޖޭއެސްސީން ދެފަހަރެއްގެ މަތިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމާގުޅިގެން، ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުއްވެވުމުން ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމާ ގުޅިގެންނެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.




