ސްޕެޝަލް އިކޮނޮމިކް ޒޯން، (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފިއެވެ.
ނ އަތޮޅުގައި ސްޕެޝަލް އިކޮނޮމިކް ޒޯން، (އެސްއީޒެޑް)ގެ ގާނުނޫގެ ދަށުން ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރަނީ ބޯޑް އޮފް އިންވެސްޓްމަންޓުންނެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސްއަށް ހުއްދަ ދީފައިވަނީ ނ. އަތޮޅު ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެގޮތުން އެ ކުންފުނިން ނ އަތޮޅުގައި "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިއަށްގެންދާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެއެވެ. އަދި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންއަށް ދީފައިވާ ހުއްދައިގެ ދަށުން 180 ދުވަހުގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓަކާއި އިންފްރާސްޓްރަކްޗަރ މާސްޓަރ ޕްލޭނާއި އިންޖިނިއަރިން އަދި އީއައިއޭ ރިޕޯޓާއި ބިޒްނަސް ޕްލޭން ހުށަހަޅަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.




