މި މަހުގެ 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކައެވެ.
އެހެންކަމުން ޖެހިގެން އަންނަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށެވެ. އިތުރަށް ރައީސް މައުމޫނު ވިދާޅުވީ މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަސް ކަމަށާއި އެދުވަހު ރާއްޖެއަށް އިރުއޮއްސެނީ !8:14 ގައި ކަމަށާއި އިދު އޮއްސެނީވެސް ހަމަ އެގަޑީގައި ކަމަށެވެ.
އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ،" މައުމޫން ވިދާޅުވި އެވެ.




