ކެލާ ފަޅުގައި 2 ރިސޯޓް ތަރައްގީކުރުމަށްޓަކއި އެ ރަށުގެ އިހްތިސާސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބަދަލު ގެނެސްފި އެވެ.
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 7/2025 ވަނަ ޤަރާރުން ވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ކެލާ ފަޅުގައި ރިސޯޓް ތަރައްގީކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ތިލަދުންމަތީ އުތުރުބުރީ ކެލާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.




