ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ގިރާވަރު ފަޅަށް ބަދަލުކުރަން ނިންމައިވާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސިއްދީގް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސިއްދީޤު ވިދާޅުވީ "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށްޓަކައި ކުރެހުންތަކައި ކޮންސެޕްޓްތައްވެސް ތައްޔާރުކޮށް ނިންމާފައިވާކަމަށާއި، އެހެންނަމަވެސް އެރަށުގައި އެތަން ތަރައްޤީކޮށްފިނަމަ ޚަރަދުގެ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ، މާލެ ކައިރިން ގިރާވަރު ފަޅަށް "ހޯޕް އައިލެންޑް" ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަށެވެ.
ހޯޕް އައިލެންޑަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި އެކުދިންނަށް ދޭންޖެހޭ އަޅާލުމައި އޯގާތެރިކާމައި އިލްމާއި ހިލްމާއި ތައުލީމު ދިނުމަށްޓަކައި ގާއިމްކުރާ މަރުކަޒެކެވެ. އެގޮތުން "ހޯޕް އައިލެންޑް"ތަރައްޤީކުރާނީ 700 ކުދިން އެކޮމަޑޭޓް ކުރެވޭ ގޮތަށް އެތަނަށް ބޭނުންވާ މުދައްރިސުންނާއި ފުލުހުންގެ އިތުރަށް ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަޞީލަތްތައް ހުންނާނެހެން ކަމަށްވެސް ސިއްދީގް ވިދާޅުވިއެވެ.
ސިއްދީޤު ވިދާޅުވީ ހޯޕް އައިލޭން ތަރައްޤީކުރާނީ 15 ހެކްޓަރުގެ ބޮޑު ބިމެއްގައި ކަމަށާއި، އޭގެ އިތުރުން ގިރާވަރުގެ 30 ހެކްޓަރުގެ ބިން "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫޢަށް ވެސް ހާއްސަކޮށްފައިވާ ކަމަށެވެ.




