މެލޭޝިޔާގައި ގޭސް ހޮޅިއެއް ގޮވައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެ 49 ގެއަކަށް ގެއްލުންވެއްޖެ އެވެ.
މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ބޭރުގައި އޮންނަ ޕުޓްރާ ހައިޓްސްގެ ގޭސް ހޮޅިއެއް ގޮވައި ރޯވި އަލިފާންގަނޑު މޭލަކަށްވުރެ ދުރަށް ފެންނަހުރިކަމަށް އެގައުމުގެ ނޫސަތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ގައުމީ ތެޔޮ ކުންފުނި ޕެޓްރޯނާސް އިން ބުނީ އެ ކުންފުނީގެ ގޭސް ޕައިޕްލައިނެއްގައި އަލިފާން ރޯވާން ފެށީ މިއަދު ހެނދުނު 8:10 ހާއިރު ކަމަށާއި އޭގެ ސަބަބުން ގެއްލުން ލިބުނު ޕައިޕްލައިން ފަހުން އެކަހެރިކޮށްފައިވާ ކަމަށެވެ. ޑިޒާސްޓަރ މެނޭޖްމަންޓް އޮފިޝަލުން ވިދާޅުވީ ވަލްވްތައް ބަންދުކުރުމުން އަލިފާން ނިއްވާލެވޭނެ ކަމަށެވެ.
ސެލެންގޯރް ސްޓޭޓްގެ ފަޔަރ ޑިޕާޓްމަންޓުން ސްޓާ ނޫހަށް ބުނެފައިވަނީ 20 ބުރީގެ އިމާރާތެއްހާ އުސް މި އަލިފާންގަނޑު، ނިއްވާލުމަށް އަލިފާން ނިއްވާ މީހުންނަށް މެންދުރު ފަހު 2:45 ހާއިރު ކައިރިވެވޭ ވަރަށް ކުޑަވާނެ ކަމަށެވެ. އަދި ސެލަންގޯރުގެ ޑެޕިއުޓީ ޕޮލިސް ޗީފް މުހައްމަދު ޒައިނީ އަބޫ ހަސަންއާ ހަވާލާދީ ނޭޝަނަލް ބާނަމާ ނިއުސް އެޖެންސީން ބުނީ މި ހާދިސާގައި 49 ގެއަކަށް ގެއްލުންވެ 112 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި 63 މީހަކު ނޭވާލާން އުނދަގޫވުމާއި އެހެނިހެން ޒަހަމްތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ.




