ވިސްނުންހުރީ ވަކި އަހަރަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނަކުން މަނާކުރަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 2 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ ޕްރޮގްރާމުގެ އެޕިސޯޑް 1 ގައި އެ މަނިކުފާނު ފާހަގަކުރެއްވި ފަދައިން ޖެނެރޭޝަން ބޭން އާއި ގުޅުންހުރި މަސައްކަތްތަކެއް މިހާރު ވަރަށް ބާރަށް ކުރައްވަމުންގެންދަވާ ކަމަށާއި އެގޮތުން އެކަމަށްޓަކައި އެކުލަވާލަންޖެހޭ ކެބިނެޓް ޕޭޕަރުގެ މަސައްކަަތަށް ބޭނުންވާ ދިރާސާގެ މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީއާއި ޙަވާލުކޮށްފައިވާ ކަމަށާއި، އެގޮތުން އެ ދިރާސާގައި ރާއްޖޭގެ ކަމާގުޅުންހުރި ފަރާތްތަކާއި ޑިކްޓަރުންގެ ލަފާވެސް ހޯއްދަވާނެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން މާނާކުރުމަށް އެމަނިކުފާނުގެ ހުށަހެޅުއްވުންތަކެއް އެބަހުރި ކަމަށާއި އެގޮތުން 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނާއި އެ ދުވަހުގެ ފަހުން އުފަންވާނެ ކުދިންނަށް ނުވަތަ 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނާއި އެ ދުވަހުގެ ފަހުން އުފަންވާނެ ކުދިންނަށް ނުވަތަ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނާއި އެ ދުވަހުގެ ފަހުން އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނަކުން މަނާކުރުން ހިމެނޭ ކަމަށެވެ.
އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ، ދެތިން ގޮތެއް. 2007 ވަނަ އަހަރުގެ ޖަނަވަރީ 1، 2004ގެ ޖަނަވަރީ 1، 2000 ވަނަ އަހަރުގެ ޖަނަވަރީ 1. މި ތިންގޮތް. މި ތިންގޮތުންކުރެ ކޮންމެވެސް އެއްގޮތަކަށް، އަޅުގަނޑުމެން ފަންނީ ލެވެލްގައި މަޝްވަރާކޮށްފައި، މީގައި ހުރި އެކި ކަންތައްތައް ބަލައި ހަދާފައި، ޤާނޫނެއް އުފައްދައިގެން މަނާކުރާގޮތަށޭ، މި ކުރިއަށް އޮތް ދުވަސްތަކުގައި އިނގޭތޯ. އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޒުވާން ޖީލު އެބަ ސަލާމަތްކުރެވޭ: ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ހަގީގަތުގައިވެސް އުޅުއްވަނީ ދުންފަތުގެ މައްސަލަ ހައްލުކުރަށްވަން ކަމަށާއި، ޅަދަރީންނާއި ތުއްތު ކުދިން އެ ނުރަނގަޅު އާދައިގެ ތެރެއަށް ދާން ދޫކޮށްލާއިގެން ސަރުކާރުން އޮންނަންވީ ސަބަބެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށާއި، ސަރުކާރުގެ ޒިންމާ އެބައޮތްކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.
ނޫންނަމަ އެހެން ޤައުމުތަކުގައިވެސް ވާހެން ރާއްޖޭގައިވެސް މިދަނީ ހަމަ ޒުވާން ކުދިން ސިނގިރޭޓުގެ ތެރެއަށް ގޮސް، ނޫނީ ދުންފަތުގެ އިސްތިޢުމާލުގެ ތެރެއަށް ގޮސް، ދެން އެއިން ސަލާމަތް ނުވެގެން އުޅެންޖެހޭ ހިސާބަށް ގޮސްފާނެ ކަމަށެވެ.




