މިވަގުތު އަލިފާން ރޯވެ އަނދަމުންދާ ހޮޅުދޫ ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ބޯޓުގައި އަލިފާން ރޯވުމާއެކު ބޯޓުގައި ތިބި އެންމެން މޫދަށް ފުންމާލިކަމަށް މައުލޫމާތު ލިބެއެވެ. މީގެތެރެއިން އެކަކު ފިޔަވާ އެންމެން ސަލާމަތްކޮށްގެން ކަނޑޫދުއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ގެއްލިގެން ހޯދަމުންދަނީ 25 އަހަރުގެ އަލީ މުޝްފިގުއެވެ.
މިހާދިސާގައި ސަލާމަތްވީ މީހުންގެ ތެރެއިން 2 މީހަކަށް ކަނޑޫދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިހާދިސާ ހިނގިއިރު ބޯޓުން ދަތުރުކުރީ 18 މީހުންނެވެ.
ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި ކައިރީ ރަށްރަށުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު މިހާރުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
ލ. މާވަށުގައި ދުއްވާ “ހޮޅުދޫ ބޯޓު”ގައި ރޯވީ ހިރިލަންދޫއިން ފުރައިގެން މާލެ ދަނިކޮށް ތ. ކަނޑޫދޫ ކައިރިންނެވެ. މިވަގުތު މުޅި ބޯޓުގައި ވަރަށް ގަދަޔަށް ރޯވެ ވަނީ އަނދާ ހުލިވެފައެވެ.
މި ބޯޓުގައި ރޯވީ މިރޭ 21:15 އެހާ ކަންހާއިރު އެވެ.




