އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.
މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބައްދަލުކުރެއްވުމުގައި އެދަރިވަރުންނަށް ދެއްވާފައެވެ. އަދި މަތީ ތަޢުލީމް ހާސިލްކުރުމަށް ލިބިފައިވާ ކާމިޔާބީތަކާއިމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި. ޤައުމުގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އެ ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެެއްވިއެވެ.




