އިންޓަ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އުޒްބަކިސްތާނަށް ވަޑައިގަންނަވައިފި އެވެ.
މިއަދުން ފެށިގެން މި މަހުގެ 9 ގެ ނިއަލަށް އުޒްބަކިސްތާނުގައި ކުރިއަށްދާ އައިޕީޔޫގެ 150 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި، ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާޢުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް އެވެ.
އައިޕީޔޫގެ 150 ވަނަ އެސެމްބްލީގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުން ހިފައި، ސުލްހަވެރި ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުން އެވެ.
އައިޕީޔޫ އަކީ 157 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ.




