އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ކުއްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި މިދަފަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤަނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމާބެހޭ ޤާނޫނާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޣައްޒާގައި ޒަހަމްވި މީހުންނަށް އެހީވުމަށް ބޭނުންވާ ޒަރޫރީ ސިއްހީ ސާމާނު ހަލާކުކޮށްލައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފަށް ސައުދީ ސެންޓާ ފޯ ކަލްޗާ އެންޑް ހެރިޓޭޖުން ހިންގާ މެޑިކަލް ގުދަނަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރި ކޮށްފައެވެ.
ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް އަދި ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލައިފިއެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ޙައްޤުތަކާއި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލު ދައުލަތެއް ޤާއިމުކޮށް، އިރުމަތީ ގުދުސްއަކީ އެޤައުމުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ތަކުރާރުކޮށް ފާހަގަކުރާ ކަމަށާއި، އިޒްރޭލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، މި ޢަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވައި، ގާޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާޢީދު ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ދެކޭ ކަމަށްވެސް ފޮރިންގ މިނިސްޓަރީން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.