ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުން ހިންގާ އަނިޔާވެރިކަން ނިމުމަކަށް ގެނައުން އަވަސްކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފި އެވެ.
އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ފަލަސްތީނުގައި އިސްރާއިލުން ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތާމެދު ރާއްޖެއިން ކަންބޮޑުވާ ކަމަށާއި، އަދި އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އައިޕީޔޫގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވުމަށް ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި، ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާޢުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ބައިވެރިވެ ވަޑައިގަންނަވައެވެ.
އައި.ޕީ.ޔޫ.ގެ 150 ވަނަ އެސެމްބްލީގެ މައުޟޫޢު އަކީ "އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު" އެވެ. އެގޮތުން އެ މައުޟޫއަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވާހަކަފުޅުގައި ވަނީ ޤާނޫނު ހެދުމާއި، ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިޚުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރާބެހޭގޮތުން ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤާނޫނު ހިމެނޭ ގޮތަށް އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތައް ވަނީ ފާހަގަކުރައްވާފައެވެ.




