މަސްޖަރީ 2 ނަމަކަށްކިޔާ ދޯންޏެއްގައި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ދައުލަތުން ނިންމައިފިއެވެ.
އެ މައްސަލާގައި ދައުލަތުން 3 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ އުފުލިއެވެ. އެއީ ސ. ހުޅުދޫ، ދޭލިއާގެ، އިރުފާން ތަގިއްޔުއާއި، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ، އަހްމަދު ނަސީރާއި، ހ. ގާޑްންބިޔުޓީ މުހައްމަދު އަކްރަމްގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަޙްމަދު ޝަފީޢު މި ނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެ އޮފީހުން ނިންމާފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ދަށުކޯޓުގެ ރިޕޯޓް ހޯދައި، އިސްތިއުނާފު ތައްޔާރުކުރުމުގެ މަސައްކަތްކަމަށާއި، މާ ގިނަ ދުވަހެއް ނުވެ އިސްތިއުނާފު ކޯޓަށް ހުށަހެޅޭނެކެމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވަނީ މައްސަލާގައި ހިމެނޭ މުހިންމު ހެކިތަކެއްގައި މައްސަލަތަކެއް ހުރުމުންކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގައިވެއެވެ.
ޤާނޫނު ބުނާގޮތުން ދަށު ކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބެނީ 60 ދުވަހުގެ މުއްދަތެކެވެ.




