އުމުރުން 84 އަހަރުގެ ކަލިމު ޚާންގެ އިނޮވޭޓިވް ގްރާފްޓިން ޓެކްނިކްގެ ނަތީޖާއެއްގެ ގޮތުން އޭނާ ހެއްދި އަނބުގަހުގައި ވަނީ 350 ވައްތަރެއްގެ އަނބު އަޅާފައެވެ.
ކަލިމު ޚާން އަކީ ސައިންޓިސްޓަކަށް ނުވި ނަމަވެސް އޭނާގެ އިނޮވޭޓިވް ވިސްނުމުގެ ސަބަބުން އޭނާ މިހާރު ވަނީ ސައިންޓަކަށް ވެފައި ކަމަށް މީސް މީޑިއާގައި އޭނާ އާއިބެހޭގޮތުން މީހުން ކުރާ ކޮމެންޓް ތަކުގައި ދަނީ ބުނަމުންނެވެ. އަދި އޭނާގެ އައު އެ ވިސްނުމަށް ދަނޑުވެރިކަމާ ބެހޭ ބޮޑތި މަޖައްލާތަކުންވެސް ދަނީ ތައުރީފު ކުރަމުންނެވެ.
ގްރާފްޓިންއަށް އޭނާ ގެންގުޅެފައިވާ އިނޮވޭޓިވް ވިސްނުމުގެ ސަބަބުން އޭނާ ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަޝްހޫރުކަން ހޯދާފަ އެވެ. އެއް ގަހުން އަނެއް ގަހެއްގެ ރޫޓްސްޓޮކަށް ގޮފިއެއް ގުޅެން ހިމެނޭ މި ޒަމާންވީ ޓެކްނޮލޮޖީ އަކީ ޒަމާނުއްސުރެ ދަނޑުވެރިކަމުގައި ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. އޭނާގެ ދިރާސާތަކާއި އެތައް އަހަރެއްގެ ބުރަ މަސައްކަތުން އޭނާ ވަނީ 350 ވައްތަރެއްގެ އަނބު ހިމެނޭ އަނބު ގަހެއް އުފައްދައިފަ އެވެ.
ގްރޭޑް 7 އިން ފެއިލްވެ، ސްކޫލުން ވަކިވެ، އުއްތަރު ޕްރަދޭޝްގެ މަލިހާބާދުގައި ހުންނަ އާއިލާގެ އަނބު ދަނޑުގައި މަސައްކަތް ކުރަންފެށި ގޮތަށް އެ ދަނޑުގައި އަނބު ހެއްދުމުގައި ކަލިމް ބޭނުންކޮށްފައިވާ ތިއަރީ ތަކަކީ މިހާތަނަށް ދަނޑުވެރިކަމުގައި ދިރާސާތައް ކުރާ ފަރާތްތަކުންވެސް ބަލައިގެންފައިވާ ފުރިހަމަ ކަންތައްތަކެއް ކަމަށް ބުނެއެވެ.
މަންގޯ މޭން އޮފް އިންޑިއާ" ގެ ނަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައިވާ ކަލިމް އަށް ވަނީ އިންޑިއާގައި ދެވޭ ޕަދްމާ ޝްރީ އެވޯޑް ވެސް ލިބިފައެވެ. އަދި ލިމްކާ ބުކް އޮފް ރެކޯޑްސްގައި އޭނާގެ ނަން ހިމަނާފައިވާއިރު، އޭނާގެ މެންގޯ ދަނޑަކީ ދިރިހުރި ލެބޯޓްރީއެއް ކަމަށް ބުނެފައިވެއެވެ.
"ދަ ބެޓާ އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ކަލިމް ބުނީ އުމުރުން ދުވަސް ވުމުން މާގިނަ ވާހަކަދައްކާނެ ހަކަތަ ނެތަސް އެ އަނބު ގަހާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވާ ކަމަށާއި، އެ ގަހަކީ ވަރަށް ލޯބިން ބޮޑުކޮށްފައިވާ އަދި މުޅި އުމުރުގެ ހަނދާންތަކާ ވެސް ގުޅިފައިވާ ގަހެއް ކަމަށެވެ. އެ އިންޓަވިއު ގައި ކަލިމް ބުނީ މީހުން އޭނާގެ އަނބު ދަނޑަށް ޒިޔާރަތްކޮށް އެ ގަސް ބަލައި، ތަފާތު އަނބުތައް ދެނެގަންނަން އުޅޭ ކަމަށާއި، އެއިން ކޮންމެ އަނބެއްގައިވެސް ވަކި ސިފަތަކެއް އެކުލެވިގެންވާ ކަމަށެވެ.
ކަލިމް ބުނީ ބަގީޗާގައި މަސައްކަތް ކުރަން ފެށުމުން އެނގުނީ ޝައުގުވެރިވާ ދާއިރާތަކުން ބުރަކޮށް މަސައްކަތް ކުރެވިދާނެކަން ކަމަށާއި އެގޮތުން ކުއްލިއަކަށް އޭނާގެ ގާތަށް އައި ޚިޔާލަކުން ހިތްވަރު ލިބިގެން 1957 ވަނަ އަހަރު އޭނާ ނިންމީ އާއިލާގެ އެއްވެސް މީހަކަށް ނުވިސްނޭ ފަދަ ކަމެއް ކުރަން މަސައްކަތް ކުރުމަށެވެ.
އެގޮތުން އޭނާ ތަފާތު ހަތް ބާވަތެއްގެ އަނބު އަޅާ ގަހެއް އޭނާ ހައްދަން ފެށި ކަމަށާއި ނަމަވެސް އެ އަހަރު ފެންބޮޑުވުމުގެ ސަބަބުން ގަސް ހަލާކުވި ކަމަށެވެ. އެއަށްފަހު އޭނާ ވަނީ ގްރާފްޓިންއަށް އެކްސްޕެރިމެންޓް ކުރަން ފަށައި އެކަމާ ބެހޭ ގޮތުން ވަރަށް ވަރުގަދަ ދިރާސާތަކެއް ފަށައިފަ އެވެ. އެއަށްފަހު 22 އޭކަރުގެ ބޮޑު ދަނދުގެ މެދުގައި ހުރި އޭނާގެ ދައްތަގެ 125 އަހަރުވެފައިވާ ބޮޑު އަނބުގަހެއްގެ މަތީގައި ތަފާތު އަނބުގެ ބާވަތްތައް ގްރާފްޓް ކުރަން ފެށީ 1958 ވަނަ އަހަރު ކަމަށް އޭނާ ބުންޏެވެ.
ހަޔާތުގައި އޭނާ ހައްދާފައި ހުރީ ކިތައް ގަސްކަމެއް އޭނާއަށް ނޭނގޭ ކަމަށާއި، އޭނާ މި ޢިލްމު އެހެންމީހުންނަށް އުނގަންނައިދީފައިވާނެ ކަމަށާއި، އެހެންކަމުން މީހުން އޭނާ ސިފަކުރަނީ އަމިއްލައަށް ކިޔަވައިދޭ ސައިންޓިސްޓެއް ގޮތުގައި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. ނަމަވެސް ހަގީގަތުގައި އޭނާގެ މުދައްރިސުންގެ ގޮތުގައި ތިބީ ގަސްތައް ކަމަށްވެސް އޭނާ ބުންޏެވެ.