އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ވަހީދު މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުގައި ހިންގަމުންދާ ތަހުގީގަށްޓަކައި 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފުގެ މައްސަލަ ބަލަން ހައި ކޯޓުން ނިންމައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވިގެން މިދިޔަ މާޗު 20 ގައި ޝަމްއާން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރ ކަމުގެ މަގާމުން ވަކިކުރުމަށްފަހު ހަމައެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެ މައްސަލާގައި ބަންދުކުރުމަށްފަހު މުއްދަތުޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން އޭނާގެ ބަންދަށް ޖަހައިދީފައިވާ 15 ދުވަހުގެ ބަންދު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހައިކޯޓްގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލައިގެ އިސްތިއުނާފު އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން ޝަމްއާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޫމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ކަނޑައެޅުއްވީ އިސްތިއުނާފުގެ މަރުހަލާގެ ބޭނުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ޝަމްއާނުގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖަހައިދިން 15 ދުވަސް ހަމަވުމުން ބަންދު މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން މިހާރުވަނީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ.




