ރާއްޖޭގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރ ފާތިމަތު ނަހުލާގެ "ސޮރީ" ގެ ޓެރެއިލާ އާންމުކުރިތާ އެއް ދުވަސްތެރޭ ލައްކައަކަށް ވުނެ ގިނަ މީހުން ބަލައިފިއެވެ.
"ސޮރީ" ފިލްމުގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޓްރެއިލާ މިހާތަނަށް އެއްލައްކަ ސަތާރަހާހަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. މި ފިލްމުގެ ވާހަކަ ކޮފީ މޭޒުތަކާއި، ގޭގެގެ ސިޓިންގ ރޫމްތަކުން ތަކުން ފެށިގެން މަސްދޯނިފަހަރުގައިވެސް ދައްކަން ފަށާފައިވާއިރު މިއީ ރިކޯޑްތަކެއް ހަދާނެ ފިލްމެއްކަމަށް ގިނަ ބަޔަކު ދެކެވެ.
ނަހުލާގެ ފިލްމުތަކަށް އިންތިޒާރުކުރާ ފަރާތްތަކުގެ އިންތިޒާރަށް 'ސޮރީ' އިން މިފަހަރު ނިމުން ގެނެސްދޭއިރު އެ ފިލްމުގެ ރަސްމީ ޓްރެއިލާ ނެރެފައިވަނީ ސޯޝަލް ސެންޓަރުގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ރަސްމިއްޔާތެއްގައި އަންގާރަ ދުވަހުގެ ރޭއެވެ. މި އިވެންޓަށް ވަރަށް ގިނަ ބަޔަކު ދިޔައެވެ.
މި އިވެންޓްގައި ފިލްމުގެ ރަސްމީ ޕޯސްޓަރާއި ފިލްމުގައި ހިމެނޭ ލަވަތަކުގެ އޯޑިއޯ އަލްބަމް ވަނީ ނެރެފައެވެ. މި ފިލްމުގެ ބައެއް ލަވަތައްވެސް އިވެންޓުގެ ތެރެއިން އާންމުންނަށް ވަނީ އިއްވާލާފައެވެ.

ނަހުލާގެ އެހެން ފިލްމު ތަކެކޭ ވެސް އެއްފަދައިން މި ފިލްމަކީވެސް ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގައި އެކި އެކި ރޯލް ތަކުން ގިނަ ތަރިން ތަކެއް ފެނިގެންދާއިރު މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި، މަރިޔަމް އައްޒަ ފެނިގެންދެއެވެ.
މި ފިލްމްގެ ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.