އިންޑިއާގެ އިރުމަތީ ބިހާރު ސްޓޭޓާއި އަވަށްޓެރި ނޭޕާލަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ހޮނުއެޅުމުގެ ސަބަބުން 69 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިންޑިއާގެ ބިހާރު ސްޓޭޓްގެ ޑިޒާސްޓާ އޮތޯރިޓީން ބުނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ގުގުރުމާއެކު ހޮނު އެޅުމުގެ ސަބަބުން 61 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އަވަށްޓެރި ނޭޕާލުގައި އިތުރު އަށް މީހަކު ހޮނު އެޅުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ އޮފިޝަލުން ބުނެފައިވާއިރު، ބުދަ ދުވަހާއި ބުރާސްފަތި ދުވަހުވެސް ގިނަ އަދަދަކަށް ހޮނުއެޅޫމުގެ ހާދިސާތައް އަމާޒުވި ކަމަށް ޑިޒާސްޓާ އޮފިޝަލުން ވަނީ ބުނެފަ އެވެ.
މި ހަފްތާގައިވެސް ބިހާރް ސްޓޭޓުގެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހި ހޮނު އެޅުމުގެ ހާދިސާތަށް ހިނގާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފީހުން ބުނެފައިވެއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާގައި ހޮނު އެޅުމުގެ ހާދިސާތަކުގައި އަހަރަކު ގާތްގަނޑަކަށް 1،900 މީހުން މަރުވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޮނު އެޅުމުގެ ނުރައްކާތެރި ހާދިސާތައް އިންތިހާއަށް އިތުރުވަމުންދާ ކަމުގެ އިންޒާރު މިދިޔަ އަހަރު ތަޖުރިބާކާރުން ވަނީ ދީފަ އެވެ. އެގޮތުން އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ފަކީރު މޯހަން ޔުނިވާސިޓީން އިސަނަގައިގެން ސައިންސްވެރިންގެ ޓީމަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވަނީ 1967 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ހޮނުއެޅުމުގެ ހާދިސާތަކުގައި 101،309 މީހުން މަރުވެފައިވާ ކަމަށެވެ.




